އިންސާނީ ޙައްޤުތަކުގެ ޢާލަމީ ޤަރާރުގެ 75 ވަނަ އަހަރީ ފާހަގަކުރަމުން، އިންސާނީ ޙައްޤުތަކުގެ އުޞޫލުތައް ދެމެހެއްޓުމަށް ދިވެހިރާއްޖެއިން ކުރާ ވަރުގަދަ އަޒުމު ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު އަލުން ކަށަވަރު ކޮށްދެއްވައިފިއެވެ.
ރައީސްގެ ރަސްމީ 'އެކްސް' އެކައުންޓުގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އިންސާނީ ޙައްޤުތަކުގެ ދުވަސް ފާހަގަކުރާއިރު، "އަޅުގަނޑުމެންގެ ޙައްޤުތައް ގުޅިލާމެހިފައިވާކަން ހަނދާންކޮށްދޭ" ކަމަށެވެ. އަދި ޤަދަރުވެރިކަމާއި، ހަމަހަމަކަމާއި، އިންސާފަކީ ޑިމޮކްރަސީގެ މައިގަނޑު ބިންގާކަމުގައި ބަލައިގެން މުޖުތަމަޢެއް ބިނާކުރުމަށް ދިވެހިރާއްޖެއިން ދެމިހުރިކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ރައީސް ވިދާޅުވީ ރާއްޖޭގެ ވަކި ޚާއްޞަ ޖޯގްރަފީއަށް ފެތޭގޮތަށް، ޞިއްޙީ ޚިދުމަތާއި، ތަޢުލީމާއި، އިންސާފު ހަމަހަމަކަމާއެކު ލިބިދިނުމަށް ކަށަވަރުކުރާ ސިޔާސަތުތަކާއި ޤާނޫނުތައް ތަންފީޒުކޮށްގެން، ސުލްޙަވެރި އަދި އެކުލެވޭ މުޖުތަމަޢެއް ބިނާކުރުމަށް އެމަނިކުފާނުގެ ސަރުކާރުން އަހައްމިއްޔަތުކަން ދެއްވާ ކަމަށެވެ.
މީގެ އިތުރުން، ނޫސްވެރިކަމުގެ މިނިވަންކަމާއި، މަސައްކަތްތެރިންގެ ޙައްޤުތަކާއި، ޖިންސުގެ ހަމަހަމަކަމާއި، އަދި ކުރިމަގުގެ ޖީލުތަކަށް ދެމެހެއްޓެނިވި ތިމާވެއްޓެއް ޤާއިމުކުރުމަށް މިސަރުކާރުން އަލުން ކުރާ މަސައްކަތް ރައީސް ފާހަގަކުރެއްވިއެވެ.
މި އަހަރުގެ އިންސާނީ ޙައްޤުތަކުގެ ދުވަހުގެ ޝިޢާރުގެ ދަށުން، އިންސާނީ ޙައްޤުތަކުގެ މުހިންމުކަމާއި، އެ ޙައްޤުތައް ރައްކާތެރިކުރުމުގެ މަސްއޫލިއްޔަތު އަދާކުރުމަށް ދުނިޔޭގެ ހުރިހާ ޤައުމުތަކަށް ގޮވާލާފައިވެއެވެ.
މިފަހަރުގެ ޝިޢާރަކީ، އަޅުގަނޑުމެންގެ ޙައްޤުތައް، އަޅުގަނޑުމެންގެ މުސްތަޤްބަލު، މިހާރުން މިހާރަށް" އެވެ.









