ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، މިއަދު ހަވީރު މާލެއަތޮޅު ކައުންސިލާ ބައްދަލުކުރައްވައިފިއެވެ.
މި ބައްދަލުކުރެއްވުން އޮތީ މާލެއަތޮޅު ހުރާ ކައުންސިލް އިދާރާގައެވެ. މި ބައްދަލުކުރެއްވުމުގައި އަތޮޅުގެ ތަރައްޤީއަށް ބޭނުންވާ މުހިންމު ކަންކަން ކައުންސިލުން ފާހަގަކުރެއްވިއެވެ.
ކައުންސިލުން ފާހަގަކުރެއްވި ކަންކަމުގެ ތެރޭގައި، ލޯކަލް ޓޫރިޒަމް ފުޅާ ދާއިރާއެއްގައި ކުރިއަށްދާތީ އަތޮޅުގެ ރަށްތަކުގައި ޞިއްޙީ ދާއިރާ އިތުރަށް ތަރައްޤީކުރުމާއި، ބައެއް ރަށްތައް ގިރަމުންދާ މައްސަލައަށް އަވަސް ހައްލެއް ހޯދުން ހިމެނެއެވެ. މީގެ އިތުރުން، އަތޮޅުގެ ފަތުރުވެރިކަމާއި ފަރުމަސްވެރިކަން ކުރިއެރުވުމަށް ބޭނުންވާ ކަންކަމާއި، މާފުށީގައި ޙައްޖު ކޯޕަރޭޝަނުން ހިންގަން ބޭނުންވާ މަޝްރޫޢު ކުރިއަށް ގެންދިއުމަށް އެދިވަޑައިގަތެވެ.
މާލެއަތޮޅު ކައުންސިލުން ވަނީ މި ސަރުކާރުގެ ވަޒީރުންނާ ވާހަކަދެއްކުމަށް ލިބިފައިވާ ފަސޭހަކަމާއި، ވަޒީރުން ޒިންމާދާރުކަމާއެކު ރައްޔިތުންނާ ގުޅިގެން މަސައްކަތްކުރައްވާކަން އުފަލާއެކު ފާހަގަކުރައްވާފައެވެ. ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި ވަޒީރުން ވަނީ މާލެ އަތޮޅުގެ ތަރައްޤީއަށް ކުރިޔަށްގެންދާ މަޝްރޫޢުތަކުގެ އެންމެ ފަހުގެ މަޢުލޫމާތުތައް ޙިއްޞާކުރައްވާފައެވެ.
މި ބައްދަލުވުމުގައި ރައީސް ވިދާޅުވީ ކައުންސިލުން ފާހަގަކުރެއްވިކަންކަން ބައްލަވާނެކަމަށެވެ.









