ވަޢުދުވެވަޑައިގެންފައިވާ ގޮތަށް ޑޮލަރުގެ ދަތިކަން ނައްތާލުމުގެ މަސައްކަތްތައް ކުރިއަށްދާނޭކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ދެއްވައިފިއެވެ.
ރައީސް މިފަދައިން ވިދާޅުވީ އަރި އަތޮޅާއި މާލެއަތޮޅުގެ ބައެއް ރަށްތަކަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން ކ. ހުރާގެ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅުދައްކަވަމުންނެވެ.
ރައީސް ވިދާޅުވީ ޑޮލަރުގެ ތާށިކަމަކީ ވާރުތަވެފައިވާ އިޤްތިޞާދީ މައްސަލައެއް ކަމަށެވެ. އަދި ރާއްޖޭގެ އިޤްތިޞާދަށް ވަންނަ ފައިސާގެ ތެރެއިން ބައިކުޅަ ބައެއް ރާއްޖޭގެ ބޭންކުން މާރުކުރަން ޖެހޭގޮތަށް އެކަށައެޅުއްވީ ރައްޔިތުންގެ ޙައްޤުގައިކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ އެކަމާ ގުޅޭ ޤާނޫނު ތަޢާރަފުކުރުމުގެ ބިލު، މަރުކަޒީ ބޭންކުގެ ފަރާތުން އެކުލަވާލައްވައި މަޖިލީހަށް ހުށަހަޅުއްވާފައިވާ ކަމަށެވެ. އަދި އެ ބިލު ހުށަހަޅުއްވާފައިވަނީ، އެމަނިކުފާނު ކުރިންވެސް ވިދާޅުވިގޮތަށް، ބަދަލެއް ނުގެނެސްކަމުގައިވެސް ފާހަގަކުރެއްވިއެވެ.
ރައްޔިތުންގެ މަޖިލީސް، މި ދައުރުގެ ޗުއްޓީއަށް ދިއުމުގެ ކުރިން އެ ބިލު ފާސްކުރައްވާނޭކަމުގެ އުންމީދު ފާޅުކުރައްވައި ރައީސް ވަނީ، އެ ބިލު ފާސްވުމަކީ ރައްޔިތުންގެ ފުދުންތެރިކަން އިތުރުކޮށްދީ މުއްސަނދިކަން ގެނެސްދޭނޭ ކަމެއްކަން ފާހަގަކުރައްވާފައެވެ.
މިއަދު ސަރުކާރުން މަޖިލީހަށް ހުށަހެޅުއްވި ބިލުގެ މައިގަނޑު މަޤްޞަދަކީ، ދިވެހިރާއްޖޭގައި ބޭރު ފައިސާއިން ކުރެވޭނޭ މުޢާމަލާތްތައް ކަނޑައަޅައި، ބޭރު ފައިސާ ދިވެހިރާއްޖެއަށް އެތެރެކުރުމާއި، ދިވެހިރާއްޖެއިން ބޭރުކުރުމާއި، ބޭރު ފައިސާ ދިވެހިރާއްޖޭގައި ގެންގުޅުމާއި، ޖަމާކުރުމާއި، މާރުކުރުމާބެހޭ އުޞޫލުތަކާއި، އެނޫންވެސް ބޭރު ފައިސާ އާއި ބޭރު ފައިސާއާ ބެހޭ މުޢާމަލާތްތަކާ ގުޅޭ ހަމަތަކާއި އުޞޫލުތައް، ޤާނޫނީ އޮނިގަނޑެއްގެ ތެރެއިން ކަނޑައަޅައި ހިންގުމެވެ.









