ހުރާ ބަނދަރު ނިންމައިދެއްވާނީ ރައްޔިތުން އެދޭ ގޮތަށް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވީ އެމަނިކުފާނު މިހާރު މާލެއަތޮޅުގެ ރަށްރަށަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން ހުރައަށް ވަޑައިގެން އެރަށު ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.
މި ބައްދަލުކުރެއްވުމުގައި ރައީސް ވިދާޅުވީ އަންނަ އަހަރުގެ ބަޖެޓުގައި އެންމެ އިސްކަން ދެއްވާނީ ބޯހިޔާވަހިކަމަށް ކަމަށާއި، ދެން އިސްކަންދެއްވާނީ ތަޢުލީމީ އަދި ޞިއްޙީ ދާއިރާއަށް ކަމަށެވެ. އެގޮތުން، ހުރާ ސްކޫލަށް ބޭނުންވާ މަލްޓިޕަރޕަސް ހޯލު އަންނަ އަހަރުގެ ބަޖެޓުގައި ހިމަނުއްވައި އަޅުއްވައިދެއްވާނެ ކަމަށާއި، ޞިއްޙީ މަރުކަޒު ތަރައްޤީކޮށް، ސްކޭން ކުރުމާއި އިތުރު ވަސީލަތްތައް ގާއިމުކޮށްދެއްވާނެ ކަމުގެ ޔަޤީންކަން ރައީސް ދެއްވިއެވެ.
މީގެ އިތުރުން، ރަށުގައި އޭ.ޓީ.އެމް. މެޝިން ބެހެއްޓުމުގެ ޢަމަލީ މަސައްކަތް ފެށުމާ ހަމައަށް ގެންގޮސްފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި ތަރައްޤީގެ މަޝްރޫޢުތައް ކުރިއަށް ގެންދަވާނީ ރަށްރަށުގެ ރައްޔިތުން އެދޭ ގޮތަށް ކަމަށާއި، 2025 އަދި 2026 ވަނަ އަހަރަކީ ވެފައިވާ ވަޢުދުތައް ފުއްދުމަށް އިސްކަންދެއްވައިގެން ކުރިއަށް ގެންދަވާނެ ދެ އަހަރު ކަމުގައި ރައީސް ފާހަގަކުރެއްވިއެވެ.
ރައީސް އިތުރަށް ވިދާޅުވީ، އަންނަ އަހަރު ގިނަ މަޝްރޫޢުތައް ފެށޭނެ ކަމަށާއި، އަންނަ އަހަރު ނުފެށޭ މަޝްރޫޢުތައް 2026 ވަނަ އަހަރު ފެށޭނެ ކަމަށެވެ. މި ދެ އަހަރަކީ އިންތިޚާބުގައި ވެފައިވާ ވަޢުދުތައް ޢަމަލީގޮތުން ފުއްދޭނެ ދެ އަހަރު ކަމުގައި ރައީސް ވިދާޅުވިއެވެ.









