ކ. ކާށިދޫގެ ދަނޑުވެރިކަމަށް ޚާއްސަ އިސްކަމެއް ދެއްވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ ކާށިދޫ ކައުންސިލާއި އެރަށު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ (އ.ތ.މ) ކޮމިޓީގެ މެންބަރުންނާ ބައްދަލުކުރައްވައި ވާހަކަފުޅުދައްކަވަމުންނެވެ.
ގާފަރު ކައުންސިލް އިދާރާގައި މިއަދު ބޭއްވި މި ބައްދަލުކުރެއްވުމުގައި ކާށިދޫ ކައުންސިލުން ވަނީ ރަށުގެ ރައްޔިތުންގެ ހުރި ކަންބޮޑުވުންތަކާއި، ރަށުގެ ތަރައްޤީއަށް އެންމެ ބޭނުންވާ ކަންތައްތައް ރައީސްއާ ޙިއްޞާކުރައްވައި އެކަންކަމާ ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ. އެގޮތުން ރަށުގެ ބަނދަރުގެ ޙާލަތު ބަޔާންކޮށްދެއްވައި އެކަމުން ރައްޔިތުންނަށް ކުރިމަތިވާ ގޮންޖެހުންތައް ޙިއްޞާކުރެއްވިއެވެ. އަދި ޞިއްޙީ ދާއިރާގައި ހުރި ކަންބޮޑުވުންތައް ފާހަގަކުރައްވައި އެކަންކަމަށް ޙައްލު ބޭނުންވާކަން ފާހަގަކުރެއްވިއެވެ. މީގެ އިތުރުން ރަށުގެ ފަތުރުވެރިކަން ކުރިއެރުވުމަށް ބޭނުންވާކަން ފާހަގަކުރައްވައި ކައުންސިލުން މިކަން ކުރިއަށްގެންދިއުމަށް އެދިވަޑައިގަންނަވާކަމުގައި ވިދާޅުވިއެވެ. ހަމައެއާއެކު ކާށިދޫގެ ދަނޑުވެރިކަން ކުރިއެރުވުމަށް ސަރުކާރުން ކުރައްވާނެ މަސައްކަތްތައް، މިބައްދަލުވުމުގައި ކައުންސިލުން އޮޅުންފިލުއްވިއެވެ.
މިއަދުގެ ބައްދަލުކުރެއްވުމުގައި ކާށިދޫ އ.ތ.މ ކޮމިޓީން ވަނީ ކުރިއަށްއޮތް ދައުރުގައި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ އޮންނާނެ ގޮތާގުޅޭގޮތުން ސުވާލުކުރައްވައި އެބޭފުޅުން އެދިވަޑައިގަންނަވާ ކަންކަން ޙިއްޞާކުރައްވާފައެވެ.
މި ބައްދަލުކުރެއްވުމުގައި ރައީސް ވަނީ ދަނޑުވެރިކަމުގެ ދާއިރާ ކުރިއެރުވުމަށް ސަރުކާރުން ކުރައްވާނެ ކަންކަން ޙިއްޞާކުރައްވާފައެވެ. އަދި ސަރުކާރުގެ އެކި މުވައްސަސާތައް އެއްކޮށްލައްވައި، މަސައްކަތްތައް ހަރުދަނާކުރުމަށް ކުރައްވާ ކަންކަން އެމަނިކުފާނު ޙިއްޞާކުރެއްވިއެވެ. މީގެއިތުރުން އެމަނިކުފާނު ވަނީ އ.ތ.މ ކޮމިޓީ ބާރުވެރިކުރުވުމަށް ސަރުކާރުން ކުރައްވާނެކަންކަން ތަފްޞީލީ ގޮތެއްގައި ވިދާޅުވެދެއްވާފައެވެ.









