ގާފަރުގައި ކުރިއަށް ގެންދަން ވަޢުދުވެވަޑައިގެންފައި ހުރި ކަންކަން އަންނަ އަހަރު ހިނގާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވީ އެމަނިކުފާނު މިހާރު މާލެއަތޮޅުގެ ރަށްރަށަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން ގާފަރަށް ވަޑައިގެން އެ ރަށު ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސް ދެއްކެވި ވާހަކަފުޅުގައި، މިދިޔަ އެއް އަހަރު ދުވަހުގެ ތެރޭގައި އެމަނިކުފާނު ބޭނުންފުޅުވާ ސްޕީޑުގައި ގާފަރުގެ ތަރައްޤީގެ ކަންކަން ގެންދެވިފައި ނުވާ ކަމުގައި ވިދާޅުވިއެވެ. އެހެން ނަމަވެސް އަންނަ އަހަރަށް ކަނޑައަޅާފައިވާ ބަޖެޓުގެ ތެރެއިން ގާފަރުގެ ތަރައްޤީއަށް އެމަނިކުފާނު ވަޢުދުވެވަޑައިގެންފައިވާ ކަންކަން ފެށިގެންދާނެކަމުގައި ރައީސް ވިދާޅުވިއެވެ.
ގާފަރު ބަނދަރުގެ ދަތިކަމާބެހޭގޮތުން ވާހަކަފުޅު ދައްކަވަމުން ރައީސް ވަނީ އެ ރަށުގެ ބަނދަރު ބޮޑުކުރަން ޖެހުމާއި، ބަނދަރުގެ މަރާމާތުތަކެއްވެސް ހުރުމާއެކު، ކައުންސިލާ މިނިސްޓްރީއާ ގުޅިގެން މެދު، އަދި ދުރު ރާސްތާއަށް އެކަށީގެންވާ ކަހަލަ ޑިޒައިނެއް ހެދުމަށް، ކައުންސިލް ބައްދަލުވުމުގައި ދަންނަވާފައިވާނެ ކަމަށާއި އެ ބަނދަރަކީ އެ ރަށުގެ ތަރައްޤީގެ ކަންކަމަށް ކުރިއަށް ހުރި އަހަރުތަކުގައި އެކަށީގެންވާ ގޮތަށް، މެދު އަދި ދުރު ރާސްތާއަށް ވިސްނައިގެން ބަނދަރުގެ ޑިޒައިން އެގޮތަށް ނިމުނީމާ، ޕީ.އެސް.އައި.ޕީ. މަޝްރޫޢުތަކުގެ ތެރޭގައި ހިމަނައިގެން ވަރަށް އަވަހަށް އެ މަޝްރޫޢު ފައްޓަވައިދެއްވާނެ ކަމުގެ ޔަޤީންކަން ދެއްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ގާފަރު ރައްޔިތުންނާ ބައްދަލުކުރެއްވުން. / ފޮޓޯ: ރައީސް އޮފީސް
ރައީސްގެ ވާހަކަފުޅުގައި، ގާފަރު ޞިއްޙީ މަރުކަޒުގެ ފެންވަރު، ހުރިހާ ގޮތަކުންވެސް ރަނގަޅުކޮށްދިނުމަށް ވެވަޑައިގެންނެވި ވަޢުދާއި، ސްކޫލްގެ ޖާގަ އިތުރުކުރުންވެސް އަންނަ އަހަރުގެ ޕީ.އެސް.އައި.ޕީ. ގެ ނިއު ޕޮލިސީ އިނިޝިއޭޓިވްގައި އަލަށް ފަށާ މަޝްރޫޢުތަކުގެ ތެރޭގައި ހިމެނިގެން އަންނަ އަހަރު ހިނގާނެ ކަމުގައި ވިދާޅުވިއެވެ. ގާފަރު އައިސް ޕްލާންޓުގެ ކެޕޭސިޓީ އިތުރު ކުރުމަށް ވެވަޑައިގެންނެވި ވަޢުދުވެސް ފުއްދަވާނެ ކަމަށާއި އެހެން ނަމަވެސް އަންނަ އަހަރު އިސްކަންދެއްވާނީ ގާފަރުގައި ހުރި ފެންވަރަށްވެސް އައިސް ޕްލާންޓް ނެތް ތަންތަނަށް އައިސް ޕްލާންޓް ފޯރުކޮށްދިނުމަށް ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. އެހެންނަމަވެސް ގާފަރަށް ވަޢުދުވެވަޑައިގެންފައިވާ ގޮތަށް އައިސް ޕްލާންޓްގެ ކެޕޭސިޓީ ދެގުނައަށް އިތުރުކޮށްދެއްވާނެ ކަމުގެ ޔަޤީންކަން އެ މަނިކުފާނު ދެއްވިއެވެ.
ރައީސްގެ ވާހަކަފުޅުގައި، ގާފަރުގައި ދެންވެސް ހުރި އެކިއެކި ދާއިރާތަކުންވެސް، އަދި ކުޅިވަރާއި ކުނި މެނޭޖްކުރުން ފަދަ ދާއިރާތަކުން ކުރިއަށްގެންދަން ހުރި އެކިއެކި މަޝްރޫޢުތައްވެސް ފަރުވާކުޑަކުރުމެއްނެތި ސަމާލުކަންދީގެން ކުރިއަށްގެންދަވާނެ ކަމުގެ ޔަޤީންކަން ދެއްވިއެވެ.









