ކޮރަޕްޝަނަށް މަގުފަހިވާނެ ކަމަކަށް ނުވެސް އެދުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިލްތިމާސްކުރައްވައިފިއެވެ.
ރައީސް މިފަދައިން އިލްތިމާސްކުރައްވާފައިވަނީ ބައިނަލްއަޤްވާމީ އެންޓި ކޮރަޕްޝަން ދުވަހުގެ މުނާސަބަތުގައި އެކްސްގައި ޙިއްޞާކުރެއްވި ޕޯސްޓެއްގައެވެ.
ރައީސް ޙިއްޞާކުރެއްވި ޕޯސްޓުގައި ވަނީ ކޮރަޕްޝަނަށް މަގުފަހިވާނެ ކަމަކަށް ނުވެސް އެދުމަށް އިލްތިމާސްކުރައްވާފައެވެ. އަދި އެފަދަ ހުށަހެޅުމެއް ޤަބޫލުވެސް ނުކުރެއްވުމަށް އެމަނިކުފާނު ވަނީ އިލްތިމާސްކުރައްވާފައެވެ.
މީގެ އިތުރުން ފަސާދަކުރުން ހުއްޓުވުމަށް ޢަމަލާއި ބަހުން ތެދުވެރި މަސައްކަތެއް ފެށުމަށްވެސް ރައީސް ވަނީ ގޮވާލައްވާފައެވެ.
އެމަނިކުފާނު ވެރިކަމާ ޙަވާލުވެވަޑައިގަތުމާއެކު ވެސް އެންމެ ފުރަތަަމަ ދުވަހުން ފެށިގެން ވެސް އަންނަނީ މި ސަރުކާރަކީ ކޮރަޕްޝަނަށް މަގުފަހިކުރާނެ ސަރުކާރެއް ނޫންކަން ސާބިތުކޮށްދެއްވަމުންނެވެ. އަދި އެފަދަ ޢަމަލުތަކުގައި ޝާމިލުވާ ފަރާތްތަކާ މެދު ފިޔަވަޅު އަޅުއްވާނެ ކަމުގެ ޔަޤީންކަންވެސް އެމަނިކުފާނު އަންނަނީ ތަކުރާރުކޮށް ދެއްވަމުންނެވެ.
އެމަނިކުފާނު މީގެ ކުރިންވެސް ވިދާޅުވެފައިވަނީ ކޮރަޕްޝަނާ ދެކޮޅަށް މަސައްކަތްކުރުމަކީ ޤައުމީ މަސައްކަތަކަށް ހަދަންޖެހޭ ކަމަށާއި އެއީ، ދިވެހި ޤައުމަށްޓަކައި ކުރާ ކަމަކަށްވާންޖެހޭ ކަމަށެވެ. އަދި ދިވެހީންގެ ސަލާމަތަށްޓަކައި ކުރެވޭ ކަމަކަށާއި، ދިވެހީންގެ ފުދުންތެރިކަމަށްޓަކައި ކުރެވޭ ކަމަކަށްވާންޖެހޭ ކަމަށް އެމަނިކުފާނު ވިދާޅުވެފައިވެއެވެ. އަދި މި ފަޚުރުވެރި ދިވެހި ޤައުމުގެ އަބުރާއި ޢިއްޒަތަށްޓަކައި ކުރެވޭ ކަމަކަށް އެކަން ވާންޖެހޭ ކަމަށް އެމަނިކުފާނު ވިދާޅުވެފައިވެއެވެ.









