ތަޢުލީމާއި ޞިއްޙީ ދާއިރާގެ މަޝްރޫޢުތައް މިއަންނަ އަހަރު ފެށުމަށް ޚާއްޞަ އިސްކަމެއްދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވީ މިއަދު ހެނދުނު މާލެއަތޮޅު ގާފަރު ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުންނާ ބައްދަލުކުރައްވައި، ދެއްކެވި ވާހަކަފުޅުގައެވެ.
ގާފަރު ކައުންސިލް އިދާރާގައި ބޭއްވި މި ބައްދަލުވުމުގައި ކައުންސިލުން ވަނީ ރަށުގެ ރައްޔިތުންގެ ކަންބޮޑުވުންތަކާއި ރަށުގެ ތަރައްޤީއަށް ބޭނުންވާ ކަންތައްތައް ރައީސްއާ ހިއްސާކޮށް މަޝްވަރާކޮށްފައެވެ. އެގޮތުން، ރަނގަޅު ފެންވަރެއްގެ ސިއްޙީ މަރުކަޒެއް ޤާއިމުކުރުމާއި، ބިން ހިއްކުމުގެ މަޝްރޫޢު ކުރިއަށް ގެންދިއުމަށް އެދިފައިވެއެވެ. އަދި ސްކޫލުގެ ޖާގައިގެ ދަތިކަމާއި، މަސްވެރިންގެ ކަންބޮޑުވުންތައްވެސް ފާޅުކޮށްފައިވެއެވެ.
އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީން ވަނީ ބަޖެޓުގެ ދަތިކަމާއި ހޭންޑް ބޯލް ދަނޑު ނުނިމި އޮތުމާ ގުޅޭގޮތުން ކަންބޮޑުވުން ފާޅުކޮށްފައެވެ.
ބައްދަލުވުމުގައި ބައިވެރިވި ވަޒީރުން ވަނީ ކައުންސިލުން ފާހަގަކުރި ކަންކަމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކާއި، ތަރައްޤީގެ މަޝްރޫޢުތަކުގެ އެންމެ ފަހުގެ މަޢުލޫމާތު ހިއްސާކޮށްފައެވެ.
ރައީސް ވިދާޅުވީ ކައުންސިލުން ފާހަގަކުރި ކަންކަމުގެ ދާއިމީ ނަތީޖާ ރަނގަޅުވާނެ ގޮތަކަށް ކުރިއަށްގެންދަވާނެ ކަމަށެވެ. އަދި އެމަނިކުފާނު ވަޢުދުވެވަޑައިގެންފައިވާ ކަންކަން ކޮށްދެއްވާނެކަމަށާއި، ތަޢުލީމާއި ޞިއްޙީ ދާއިރާގެ މަޝްރޫޢުތައް މިއަންނަ އަހަރު ފެށުމަށް ޚާއްޞަ އިސްކަމެއްދެއްވާނެކަމަށް ވިދާޅުވިއެވެ. މީގެއިތުރުން ރަށުގެ ތަރައްޤީގެ ކަންކަން ތާށިނުވެ ކުރިއަށްގެންދިއުމަށް އަހަންމިއްޔަތުކަން ދެއްވާނެކަމަށްވެސް ރައީސް ވިދާޅުވިއެވެ.









