އިސްލާމިކް މިނިސްޓްރީން 2025 ވަނަ އަހަރުގެ ކަލަންޑަރު ވިއްކަން ފަށައިފިއެވެ. މިނިސްޓްރީން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ މި އަހަރުގެ ކަލަންޑަރުގެ ދެ ވައްތަރެއް ތައްޔާރުކޮށްފައިވާ ކަމަށެވެ. އެއީ ވޯލް ކަލަންޑަރާއި ޑެސްކް ކަލަންޑަރެވެ.
މިނިސްޓްރީން ބުނިގޮތުގައި ވޯލް ކަލަންޑަރުގެ އަގަކީ 25 ރުފިޔާ އެވެ. އަދި ޑެސްކް ކަލަންޑަރުގެ އަގަކީ 50 ރުފިޔާއަށް ކަމަށެވެ. މި ކަލަންޑަރުތައް ފަރުމާކޮށްފައިވަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހުރި މިސްކިތްތަކުގެ ފޮޓޯތައް ހިމަނައިގެންނެވެ. މީގެ އިތުރުން ކަލަންޑަރުގައި ހިޖުރީ އަދި މީލާދީ ތާރީޚުތަކާއި، ރަސްމީ ބަންދު ދުވަސްތަކާއި، ނަކަތްތަކާއި އަދި ނަމާދު ވަގުތުތައް ވެސް ހިމަނާފައިވާ ކަމަށް މިނިސްޓްރީން ބުންޏެވެ.
އެގޮތުން، ކަލަންޑަރު ގަންނަން ބޭނުންވާ ފަރާތްތަކަށް ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 8:00 އިން މެންދުރުފަހު 2:00 އަށް މިނިސްޓްރީގެ ރިސެޕްޝަނަށް ވަޑައިގެން ކަލަންޑަރު ގަނެވޭނެ ކަމަށް މިނިސްޓްރީން ބުންޏެވެ.
މި ކަލަންޑަރު ނެރުމުގެ މަޤްޞަދަކީ ރައްޔިތުންނަށް ފަސޭހައިން އިސްލާމީ އަދި ޤައުމީ މުހިންމު މަޢުލޫމާތުތައް ލިބިދިނުމާއި، ރާއްޖޭގެ އިސްލާމީ ތަރިކަ ދެމެހެއްޓުމަށް މަސައްކަތްކުރުން ކަމަށް އިސްލާމިކް މިނިސްޓްރީން ފާހަގަކުރެއްވިއެވެ.









