ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ކ. ގާފަރަށް ވަޑައިގަތުމުން އެރަށުން އެމަނިކުފާނަށް ހޫނު މަރުޙަބާއެއް ދަންނަވައިފިއެވެ. މިއީ އަރިއަތޮޅު އުތުރުބުރީގެ ރަށްތަކަށާއި މާލެ އަތޮޅުގެ ބައެއް ރަށްތަކަށް ކުރައްވާ ދެ ދުވަހުގެ ދަތުރުފުޅުގެ ތެރެއިން ކުރެއްވި ޒިޔާރަތެކެވެ.
ރައީސް ގާފަރަށް ވަޑައިގެންނެވުމުން އެރަށުގެ ކައުންސިލާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއާއި ގިނަ ޢަދަދެއްގެ ރައްޔިތުން ވަނީ ބަނދަރު ސަރަޙައްދަށް އެއްވެ އެމަނިކުފާނަށް މަރުޙަބާ ދަންނަވާފައެވެ. މި ދަތުރުފުޅުގައި ރައީސް ވަނީ ގާފަރު ކައުންސިލާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއާއި، ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ހަމަޖެހިފައެވެ. އަދި ހަމައެހެންމެ، ކާށިދޫ ކައުންސިލާއި އެރަށުގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ބޭފުޅުންނާއިވެސް ބައްދަލުކުރައްވާނެއެވެ.
މިއަދުގެ ދަތުރުފުޅުގައި ރައީސް ވަޑައިގަންނަވާނެ އިތުރު ދެ ރަށަކީ ހުރާ އަދި ހިންމަފުށްޓެވެ. އިއްޔެ އެމަނިކުފާނު ވަނީ އއ. ތޮއްޑޫ، ރަސްދޫ އަދި މަތިވެރިއަށް ޒިޔާރަތްކުރައްވާފައެވެ. މި ދަތުރުފުޅަކީ ރައްޔިތުންނާ ގާތުން ރައްޔިތުންގެ ހާލު ބެއްލެވުމަށް ވެވަޑައިގެންފައިވާ ވަޢުދުފުޅުގެ ދަށުން ކުރައްވާ ދަތުރުފުޅެކެވެ.








