އަރިއަތޮޅު އުތުރުބުރީ ރަސްދޫގެ ގެސްޓް ހައުސް ހިންގާ ފަރާތްތަކާ ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު ބައްދަލުކުރައްވައިފިއެވެ.
ރަސްދޫ އަތޮޅު ގޭގައި ކުރިއަށްދިޔަ މި ބައްދަލުކުރެއްވުމުގައި ރަސްދޫގެ ގެސްޓް ހައުސް ހިންގާ ފަރާތްތައް ވަނީ ރަސްދޫއާ ކައިރީގައި އޮތް ފިނޮޅު ގިރަމުންދާތީ އެކަމާ ކަންބޮޑުވުން ފާޅުކޮށްފައެވެ. އަދި އީ.އައި.އޭ ހަދައިގެން ތިމާވެއްޓަށް ގެއްލުން ނުވާނެ ގޮތަށް އެ ސަރަޙައްދު ނެތިދިއުމުން ހިމާޔަތްކޮށްދިނުމަށް އެފަރާތްތަކުން އެދިލެއްވިއެވެ.
މީގެ އިތުރުންވެސް ގެސްޓް ހައުސް ވިޔަފާރި ފުޅާކުރުމަށް ބޭނުންވާކަންކަން ފާހަގަކޮށް އެ ރަށުގެ އިޤްތިޞާދު ސަލާމަތްކުރުމަށްޓަކައި ބޭނުންވާ ކަންކަން އެފަރާތްތަކުން ވަނީ ޙިއްޞާކޮށްފައެވެ. އަދި ޑޮލަރު އޭޓީއެމްގެ ޚިދުމަތް ބޭނުންވާކަންވެސް ވަނީ ފާހަގަކޮށްފައެވެ.
މި ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ރަސްދޫގެ ގެސްޓް ހައުސް ހިންގާ ފަރާތްތައް ފާހަގަކުރެއްވި ކަންކަން ކަމާގުޅުން ހުރި އިދާރާތަކާ މަޝްވަރާކުރެއްވުމަށްފަހު އެކަންކަން ބައްލަވާނެކަމަށެވެ. އަދި ފިނޮޅު ނެތިދިއުމުގެ މައްސަލައަށް ޙައްލު ހޯދުމުގައި ތިމާވެއްޓަށް ގެއްލުން ނުވާނެ ގޮތަށް އެކަން ކުރެވޭނެ ގޮތް ބައްލަވާނެކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.









