އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތައް އުވާނުލައްވާނެކަމަށާއި އެ ކޮމިޓީތައް ބާރުވެރިކުރުވުމަށް ގިނަ މަސައްކަތްތަކެއް މި ސަރުކާރުން ކުރައްވާނެކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު، ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ އަރިއަތޮޅު އުތުރުބުރީ އުކުޅަހު ކައުންސިލާއި އެރަށު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ (އ.ތ.މ) ކޮމިޓީ އާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުން އ.ތ.މ ކޮމިޓީ ގެ މެންބަރަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.
މި ބައްދަލުކުރެއްވުމުގައި ރައީސް ވަނީ އަރިއަތޮޅު އުތުރުބުރީ އުކުޅަހު ކައުންސިލާއި އ.ތ.މ ކޮމިޓީ އާ ބައްދަލުކުރައްވައި އެރަށު ރައްޔިތުންނަށް އެންމެ ބޭނުންޖެހިފައިވާ ކަންކަމާ ގުޅޭގޮތުން މަޝްވަރާ ކުރައްވާފައެވެ. މި ބައްދަލުކުރެއްވުން އޮތީ މިއަދު މެންދުރުފަހު އަރިއަތޮޅު އުތުރުބުރީ އަތޮޅު ކައުންސިލް އިދާރާގައެވެ.
މި ބައްދަލުކުރެއްވުމުގައި ކައުންސިލުން ފާހަގަކުރި ކަންކަމުގެ ތެރޭގައި ބޯހިޔާވަހިކަމުގެ ދަތިކަން ހިމެނެއެވެ. އަދި ކައުންސިލް އިދާރާ އާއި ސުކޫލުގެ ޖާގައިގެ ދަތިކަން ވެސް ފާހަގަކުރިއެވެ. މީގެ އިތުރުން ގިރާ ސަރަޙައްދު ހިމާޔަތްކުރުމަށް ބޭނުންވާކަންވެސް ކައުންސިލުން ފާހަގަކުރިއެވެ.
މިއަދުގެ ބައްދަލުކުރެއްވުމުގައި ރައީސް ވަނީ ކައުންސިލުން ފާހަގަކުރި ކަންކަން މަގުފަހިކޮށްދެއްވުމަށް ސަރުކާރުން ކަމާގުޅޭ މުވައްސަސާތަކާއެކު ކުރައްވާ މަސައްކަތްތައް ކައުންސިލާއި ޙިއްޞާކުރައްވާފައެވެ.
މިއަދުގެ ބައްދަލުކުރެއްވުމުގައި ރައީސްގެ އަރިހުގައި ބައިވެރިވެވަޑައިގެންނެވި ވަޒީރުން ވަނީ އުކުޅަހުގެ ތަރައްޤީއަށް ކުރިޔަށްގެންދާ މަޝްރޫޢުތަކުގެ އެންމެ ފަހުގެ މަޢޫލޫމާތުތައް ޙިއްޞާކުރައްވާފައެވެ.









