ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އަރިއަތޮޅު އުތުރުބުރީ އަތޮޅު ކައުންސިލާ ބައްދަލުކުރައްވައި އެ އަތޮޅުގެ ތަރައްޤީއަށް މުހިންމު ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރައްވައިފިއެވެ.
މި ބައްދަލުކުރެއްވުން ބޭއްވެވީ މިއަދު މެންދުރުފަހު އަރިއަތޮޅު އުތުރުބުރީ އަތޮޅު ކައުންސިލުގެ އިދާރާގައެވެ.
މި ބައްދަލުކުރެއްވުމުގައި އއ. އަތޮޅު ކައުންސިލުގެ މެންބަރުން ފާހަގަކުރެއްވި ކަންކަމުގެ ތެރޭގައި ޕާސްޕޯޓު ޚިދުމަތާއި އައިޑީ ކާޑުގެ ޚިދުމަތް އެ އަތޮޅުން ލިބޭނެ ގޮތް ހައްދަވައިދެއްވުމަށް އެދިވަޑައިގެންނެވިއެވެ. އަދި އަތޮޅުގެ ރައްޔިތުންނަށް އާމްދަނީ ހޯދުމަށް ފަޅުގެ ބޭނުން ކުރެވޭގޮތް ފަހިކޮށްދެއްވުމަށާއި އަތޮޅުގެ ރައްޔިތުންނަށް އާމްދަނީ ހޯދޭނެ އިތުރު މަގުތައް ފަހިކޮށްދެއްވުމަށް އެދިވަޑައިގެންނެވިއެވެ. ހަމައެއާއެކު ލާމަރުކަޒީ ނިޒާމު ހަރުދަނާ ކުރުމަށް ކުރެއްވިދާނެ ކަންކަމާ ގުޅޭގޮތުންވެސް މި ބައްދަލުކުރެއްވުމުގައި މަޝްވަރާކުރެއްވިއެވެ.
މިއަދުގެ ބައްދަލުކުރެއްވުމުގައި ރައީސް ދެއްކެވި ވާހަކަފުޅުގައި އއ. އަތޮޅު ބާކީ ނުކުރައްވާނެކަން ފާހަގަކުރެއްވިއެވެ. އަދި އެއަރޕޯޓު މަޝްރޫޢަކީވެސް އއ. އަތޮޅުގެ ތަރައްޤީއަށް މުހިންމު ކަމަކަށްވާނެކަން ފާހަގަކުރައްވައި އެކަން ކުރައްވާނެކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. މީގެ އިތުރުން އައިޑީ ކާޑާއި ޕާސްޕޯޓް ޚިދުމަތް މިއަންނަ އަހަރުގެ ތެރޭގައި ހުރިހާ އަތޮޅަކުން ލިބޭނެ ގޮތް ހެދުމަށް މަސައްކަތް ފަށާފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. ހަމައެއާއެކު ޓޫރިޒަމް ޓެކުހުން ކައުންސިލްތަކަށް ވަކި ޕަސެންޓެއް ދިނުމަށް އެމަނިކުފާނު ވެވަޑައިގެންފައިވާ ވަޢުދު ފާޙަގަކުރައްވައި އެފަދަ ކަންކަމުންވެސް ކައުންސިލްތަކަށް އިތުރު އާމްދަނީ ލިބިގެންދާނެކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.









