ކުރިއަށް އޮތް ދެ އަހަރަކީ ރައްޔިތުންނަށް ވެވަޑައިގެންފައިވާ ވަޢުދުތައް ފުއްދުމުގެ މަސައްކަތް ޢަމަލީގޮތުން ފެންނާނެ ދުވަސްވަރު ކަމަށް ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
އއ. އަތޮޅަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން އއ. ތޮއްޑޫއަށް ވަޑައިގެން ދެއްކެވި ވާހަކަފުޅުގައި، ރައީސް މުޢިއްޒު ވިދާޅުވީ އެމަނިކުފާނުގެ އެންމެ މުހިންމު އެއް ސިޔާސަތަކީ ރައްޔިތުންނާ ވީހާވެސް ގާތުން ޚިދުމަތް ދިނުން ކަމަށެވެ. އަދި ތޮއްޑޫއަކީ މަސައްކަތްތެރި އަދި މުރާލި ރައްޔިތެއް ދިރިއުޅޭ، ދަނޑުވެރިކަމާއި ފަތުރުވެރިކަން ކުރިއަރަމުން އަންނަ ރަށެއްކަން ފާހަގަކުރެއްވިއެވެ. ވުމާއެކު ސަރުކާރުން އިސްކަންދޭނީ މި ސިނާޢަތްތައް ކުރިއެރުވުމަށް ކަމަށް ރައީސް ވިދާޅުވިއެވެ.
ތޮއްޑޫ ކައުންސިލުން ލޯކަލް ކައުންސިލް އޮތޯރިޓީ ކުންފުންޏެއް އުފައްދާފައި އޮތުމާއި ގުޅިގެން، ކައުންސިލާއި ގުޅިގެން ރައްޔިތުންގެ ފުދުންތެރިކަން އިތުރުކުރަން ބޭނުންވާ މަޝްރޫޢުތައް ހިންގުމަށް ސަރުކާރުން ފުރިހަމަ އެއްބާރުލުން ދެއްވާނެކަމުގެ ޔަޤީންކަން ރައީސް ދެއްވިއެވެ. "އެއީ އިންވެސްޓްމަންޓް ހަމަޖެއްސުންކަމަށް ވިޔަސް އެނޫންކަމެއް ވިޔަސް. ފުރުޞަތު ފަހިކޮށްދޭނަން. ނަތީޖާއަކަށް ވާނީ ރައްޔިތުން ފުދުންތެރިވުން," ރައީސް ވިދާޅުވިއެވެ.
ރައީސް އިތުރަށް ވިދާޅުވީ ސިޔާސީ ފިކުރެއް ނުގެންގުޅުއްވާނެ ކަމަށާއި، ހުރިހާ ރައްޔިތުންނަށް ހަމަހަމަކަމާއެކު ޚިދުމަތް ދެއްވާނެ ކަމަށެވެ.
ތޮއްޑޫގެ މަގުތަކުގެ ޙާލަތު ވަރަށް ބޮޑަށް ގޯސްކަން ފާހަގަކުރައްވަމުން، ރައްޔިތުން ބޭނުންވާ ގޮތަށް މަގުތައް އަންނަ އަހަރު ތަރައްޤީކޮށްދެއްވާނެ ކަމަށް ރައީސް ވަޢުދުވެވަޑައިގެންނެވިއެވެ. "ވަރަށް ފަސޭހަވާނެ ސްކޫލަށް ކުދިން އައުމަށް ވެސް. އިޤްތިޞާދީ ގޮތުން ކުރިއަރައިގެން ދިއުމަށް ވެސް. ފަސޭހަވާނެ," ރައީސް ވިދާޅުވިއެވެ.









