ރައީސަކު އެރަށަކަށް ވަޑައިގެން އެ ރަށެއްގެ ރައްޔިތުންނާއި މަޝްވަރާކުރައްވައިގެން ތަރައްޤީގެ ކަންކަން ބައްޓަންކުރުމަކީ އެރަށަކަށް އެންމެ ރަނގަޅު ގޮތްކަމުގައި ތޮއްޑޫ ކައުންސިލުން މިއަދު ފާހަގަކުރައްވައިފިއެވެ. މިކަން ފާހަގަކުރެއްވީ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އަރިއަތޮޅު އުތުރުބުރި ތޮއްޑޫ ކައުންސިލާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުންނާއެކު މިއަދު ހެނދުނު ތޮއްޑޫ ކައުންސިލް އިދާރާގައި ބޭއްވެވި ބައްދަލުކުރެއްވުމުގައެވެ.
މި ބައްދަލުކުރެއްވުމުގައި ކައުންސިލުން ވަނީ ޞިއްޙީ ޚިދުމަތް ދިނުމުގައި ހުރި ގޮންޖެހުންތައް ފާހަގަކުރައްވައި، މިހާރަށްވުރެ ފެންވަރު ރަނގަޅު ޞިއްޙީ މަރުކަޒެއް ޤާއިމުކޮށްދެއްވުމަށް އެދިވަޑައިގެންފައެވެ. މީގެ އިތުރުން، ތޮއްޑޫގެ ސްކޫލުގެ ޖާގައިގެ ދަތިކަމާއި، ތޮއްޑޫގެ އިޤްތިޞާދު ރަނގަޅުކުރުމަށް ފައިނޭންސް ލިބޭނެ އިތުރު އިންތިޒާމުތައް ހަމަޖައްސަވައިދެއްވުމަށް ކައުންސިލުން އެދިވަޑައިގެންނެވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ އެމަނިކުފާނު ވަޢުދުވެވަޑައިގެންފައިވާ ކަންކަން ބަޖެޓުގައި ހިމަނުއްވައިގެން ކުރިއަށް ގެންދަވާނެ ކަމުގައެވެ. އަދި ރަށުގެ މަގު ހެދުމުގެ މަޝްރޫޢު ވެސް ކުރިއަށް ގެންދަވާނެ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.








