ރިއަލް މެޑްރިޑް ރޭ ގިރޯނާއާ ދެކޮޅަށް ކުޅުނު މެޗުން 3-0 އިން މޮޅުވެ ލަލީގާގެ އެއްވަނައިގައިވާ ބާސެލޯނާއާ ދެމެދު އޮތް ފަރަގު ދެ ޕޮއިންޓަށް ކުޑަކޮށްފިއެވެ.
ގިރޯނާގެ ދަނޑުގައި މެޗުގެ ފުރަތަމަ ލަނޑު ޖެހީ މެޗުގެ 36 ވަނަ މިނެޓުގައި އިނގިރޭސި މިޑްފީލްޑަރު ޖޫޑް ބެލިންގަމްއެވެ. ދެވަނަ ހާފުގެ 55 ވަނަ މިނެޓުގައި ބެލިންގަމްގެ ޕާހަކުން އަރްދާ ގޫލަރ ވަނީ މެޑްރިޑްގެ ދެވަނަ ލަނޑު ޖަހާފައެވެ. މެޗުގެ ތިންވަނަ ލަނޑު ޖެހީ 62 ވަނަ މިނެޓުގައި ފްރާންސްގެ ތަރި އެމްބާޕޭއެވެ.
މި ކާމިޔާބީއާ އެކު މެޑްރިޑް ވަނީ 36 ޕޮއިންޓާ އެކު ލަލީގާގެ ދެވަނައިގައި ހަމަޖެހިލައިފައެވެ. އެއްވަނައިގައިވާ ބާސެލޯނާ އަށް ވަނީ 38 ޕޮއިންޓް ލިބިފައެވެ. ނަމަވެސް މެޑްރިޑަށް ވުރޭ އެއް މެޗު އިތުރަށް ބާސާ ވަނީ ކުޅެފައެވެ.
މި މެޗުގައި އެމްބާޕޭ ޖެހި ލަނޑަކީ އޭނާގެ ކެރިއަރގައި ޔޫރަޕްގެ ފަސް މޮޅު ލީގުތަކުގައި ޖެހި 200 ވަނަ ލަނޑެވެ. އެމްބާޕޭ މިހާތަނަށް މޮނާކޯ އަށް 16 ލަނޑު އަދި ޕީއެސްޖީ އަށް 175 ލަނޑު ޖަހާފައިވެއެވެ.
ރޭގެ ގޯލާއެކު ބެލިންގަމް ވަނީ ވިދިވިދިގެން ފަސް މެޗުގައި ލަނޑު ޖަހާފައެވެ. އެހެންނަމަވެސް އޭނާ ދެވަނަ ހާފުގައި އިންޖަރީއަކާ ހެދި ބަދަލުކުރަން ޖެހުނު ކަމީ މެޑްރިޑްގެ ކޯޗު ކާލޯ އެންސެލޮޓީ އަށް ކަންބޮޑުވާން ޖެހޭނެ ކަމެކެވެ.









