ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ) އިން އެ ކުންފުނީގެ އައު ބިޒްނަސް ސެންޓަރު ހެދުމުގައި ބައިވެރިވި މުވައްޒަފުންގެ އަގުވަޒަންކުރުމަށް އާއިލީ ހަވީރެއް މިއަދު ބާއްވައިފިއެވެ.
މި ހަރަކާތް ކުރިއަށް ގެންގޮސްފައިވަނީ މިއަދު ހަވީރު 4:00 އިން 6:00 އަށް ސްޓެލްކޯ ބިޒްނަސް ސެންޓަރުގައެވެ. އަދި މިރޭ 8:00 އިން 9:30 އަށްވެސް މި ހަރަކާތް ކުރިއަށް ގެންދިޔައެވެ.
ސްޓެލްކޯއިން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި މި ހަރަކާތަކީ އެ ކުންފުނީގެ މުވައްޒަފުން ވޭތުވެދިޔަ ހަ މަސް ދުވަހު ބުރަކޮށް މަސައްކަތްކޮށް، ސްޓެލްކޯ ބިޒްނަސް ސެންޓަރު އިމާރާތް ކުރުމުގެ މަސައްކަތް ވަރަށް ފުރިހަމައަށް ނިންމާފައިވާތީ، އެ މުވައްޒަފުންގެ ހިތްވަރާއި ޖޯޝާއި މަސައްކަތުގެ ނަމޫނާ އަޚުލާޤު ފާހަގަކޮށް، އެ މުވައްޒަފުންގެ ހުނަރުވެރިކަން މުވައްޒަފުންގެ އާއިލާތަކަށް ދައްކާލުމަށް ކުރިއަށްގެންދާ ހަރަކާތެކެވެ.
މި އާއިލީ ހަވީރުގައި ގިނަ އަދަދެއްގެ ކުޑަކުދިން ވަނީ ބައިވެރިވެފައެވެ. އެގޮތުން، ކުޑަކުދިންނަށް ޚާއްސަ ހަރަކާތްތައް މި ހަވީރުގައި ވަނީ ކުރިއަށް ގެންގޮސްފައެވެ.
ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރު ހުސެއިން ފަހުމީ ވިދާޅުވި ގޮތުގައި ސްޓެލްކޯއިން ތަރައްޤީކޮށްފައިވާ ބިޒްނަސް ސެންޓަރު ވަރަށް އަވަހަށް ހުޅުވުމަށް ތައްޔާރުވެފައިވެއެވެ. އަދި މިއީ ކުރު މުއްދަތެއްގެ ތެރޭގައި އެ ކުންފުނީގެ މުވައްޒަފުންގެ ފުރިހަމަ ހުނަރުތައް ފެނިގެންދިޔަ މަސައްކަތެއް ކަމަށާއި، އެ އިމާރާތް ހެދުމުގައި މުވައްޒަފުންގެ އެއްބާރުލުމުގެ ސަބަބުން ކުންފުންޏަށް މާލީގޮތުން ފައިދާވި ކަމަށް ވެސް ފަހުމީ ވިދާޅުވިއެވެ.









