އާޓިފިޝަލް ބީޗު ސަރަޙައްދުގައި ބިދޭސީން މިއަދު ހަވީރު ހިންގި މާރާމާރީގެ މައްސަލަ ބަލަމުންދާކަމަށް ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަން މުޙައްމަދު ޝަމްޢާން ވަޙީދު ވިދާޅުވެއްޖެއެވެ.
މިއަދު ހަވީރު އާޓިފިޝަލް ބީޗު ސަރަޙައްދުގައި ބިދޭސީންތަކެއް މާރާމާރީ ހިންގި މައްސަލައެއް ތަޙުޤީޤުކުރަމުންދާކަން ދިވެހި ފުލުހުންގެ ޚިދުމަތުންވެސް ވަނީ ހާމަކޮށްފައެވެ. އެހެންނަމަވެސް މި މައްސަލައާއި ގުޅިގެން މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައި ނުވާކަމަށް ފުލުހުން ވިދާޅުވިއެވެ.
މި މައްސަލައާއި ގުޅިގެން ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަން މުޙައްމަދު ޝަމްޢާން ވަޙީދު ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ މާރާމާރީ ހިންގައި ޢާންމު މަޞްލަޙަތު ނަގާލުމުގައި ބައިވެރިވި ބިދޭސީންގެ މައްސަލަ ޓާސްކް ފޯސްއިން ބަލަމުންދާކަމަށެވެ. އަދި މިކަމުގައި ޝާމިލުވާ ބިދޭސީންނާމެދު ފިޔަވަޅު އަޅުއްވާނެކަމުގެ ޔަޤީންކަން ކޮންޓްރޯލަރ ވަނީ ދެއްވާފައެވެ.
ރާއްޖޭގައި ދިރިއުޅޭ ބިދޭސީންނަކީ ރާއްޖޭގައި ހެދިފައި ހުންނަ ޤާނޫނުތަކާއި ގަވާއިދުތަކަށް ބޯލަނބާ ބައެއްކަން ކަށަވަރު ކުރައްވާނެ ކަމަށް ސަރުކާރުން ވަނީ ބުނެފައެވެ. މިކަން ކުރުމަށްޓަކައި ގަވާއިދާ ޚިލާފަށް ރާއްޖެ އެތެރެވެ، ދިވެހި ވިޔަފާރިތަކުގެ ތެރޭގައި ގަވާއިދާ ޚިލާފަށް އުޅެމުންދާ ބިދޭސީން ހޯދައި ޑިޕޯޓުކުރުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.
މިކަމަށްޓަކައި އެކުލަވާލާފައިވާ އިމިގްރޭޝަން ވޮޗްއަށް 1000 އަށްވުރެ ގިނަ މައްސަލަ ހުށަހަޅާފައިވާކަމަށް އިމިގްރޭޝަނުން ވިދާޅުވެފައި ވެއެވެ.









