އާސަންދައިގެ ޚަރަދު ކުޑަ ކުރުމަށްޓަކައި އާސަންދަ ޕޯޓަލްއަށް މުހިންމު ބަދަލުތަކެއް ގެންނަމުންދާ ކަމަށް އާސަންދައިން ހާމަކޮށްފިއެވެ. އާސަންދަ ޚިދުމަތުގެ ތެރެއިން އިސްރާފުގެ ބައި ބޮޑުވުމަކީ މުޅި ނިޒާމުގެ ޚަރަދު ބޮޑުވާ އެއް ސަބަބު ކަމަށް އާސަންދައިން ފާހަގަކުރެއެވެ.
އާސަންދަ ކުންފުނީގެ މެޑިކަލް އިންވެސްޓިގޭޝަން ސެކްޝަންގެ މެނޭޖަރ މަރްޔަމް ފިޔާޒާ ވިދާޅުވީ، އެންމެ ބޮޑު އެއް ބަދަލުގެ ގޮތުގައި އާސަންދަ ޕޯޓަލް އަޕްގްރޭޑްކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. މި ބަދަލުތަކާއެކު، ތަކުރާރުކޮށް ޓެސްޓުތައް ހެދުމުގެ މައްސަލަ ހައްލު ކުރެވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.
އާ ސިސްޓަމްގައި، ބޭސް ތަކުރާރުކޮށް ނަގާނަމަ އެކަން ފާމަސީއަށް އެނގޭނެ ކަމަށާއި، ބޭސް ދޫކުރެވެނީ ކާކަށްކަން ކަށަވަރުކުރުމަށް ޑިސްޕެންސް ކޯޑެއް ދޫކުރަމުންދާނެ ކަމަށް އާސަންދައިން ބުނެފައިވެއެވެ. މީގެ އިތުރުން، އެޕޮއިންޓްމަންޓް ޓްރާންސެކްޝަން ކެންސަލްވީކަން އެންގުމަށް އެސްއެމްއެސްއެއް ފޮނުވޭނެ ކަމަށްވެސް ވަނީ ހާމަކޮށްފައެވެ.
އާސަންދައިން އިތުރަށް ބުނީ، ފަރުދީ ޒިންމާ އަދާކުރުމަކީ ޚަރަދު ކުޑަކުރުމަށް މުހިންމު ކަމެއްކަމަށެވެ. އެގޮތުން، ޑޮކްޓަރަށް ދެއްކުމަށް މެމޯ ހެއްދުމަށްފަހު ޑޮކްޓަރަށް ނުދެވި ހުއްޓާ ޓްރާންސެކްޝަނެއް ހެދިކަމުގެ އެސްއެމްއެސްއެއް ލިބިއްޖެނަމަ އެކަން އާސަންދައަށް ރިޕޯޓުކުރުމަށް އިލްތިމާސް ކޮށްފައި ވެއެވެ.
ކޮންމެ އަހަރަކު 3 ބިލިއަނާއި ގާތްކުރާ ޢަދަދެއް ދައުލަތުގެ ބަޖެޓުން އާސަންދައަށް ހޭދަކުރަމުންދާއިރު، މި ނިޒާމު ދެކޮޅުޖެހޭ ގޮތަކަށް ބަދަލުކުރުމަށް މަސައްކަތް ކުރަމުންދާކަން އާސަންދައިން ފާހަގަ ކޮށްފައި ވެއެވެ.









