ޕޯސްޓު މެދުވެރިކޮށް އެތެރެކުރި މަސްތުވާތަކެއްޗާ ހަވާލުވާން ދިޔަ 40 އަހަރުގެ މީހަކު ފުލުހުން ހައްޔަރުކޮށްފިއެވެ. މި މައްސަލައިގައި ފެނުނު މަސްތުވާތަކެތި ހުރީ ދޫނިދޫ ކަސްޓޯޑިއަލްގައި ބަންދުގައި ހުރި މީހެއްގެ ނަމުގައި ފޮނުވާފައިވާ ޕެކޭޖެއްގައި ކަމަށް ފުލުހުން މަޢުލޫމާތު ދީފައިވެއެވެ.
ފުލުހުން ބުނީ މި ޕެކޭޖުން ފެނުނު މަސްތުވާތަކެތީގެ ބަރުދަނަކީ 0.980 ކިލޯއެވެ. ޕެކޭޖު ބަލައި ގޮސް ހުއްޓާ ފުލުހުން ހައްޔަރުކޮށްފައިވަނީ އުމުރުން 40 އަހަރުގެ މީހެކެވެ. މި މީހާއަކީ މަސްތުވާތަކެތީގެ ކުށުގެ ރިކޯޑް އޮތް މީހެއްކަން ކްރިމިނަލް ކޯޓުގެ އަމުރުން އެނގެއެވެ.
ކްރިމިނަލް ކޯޓުން ވަނީ މި މައްސަލައިގައި ހައްޔަރުކުރެވުނު މީހާ 20 ދުވަހަށް ބަންދުގައި ބެހެއްޓުމަށް އަމުރު ކޮށްފައެވެ. މި މައްސަލައިގައި ހެކީގެ ގޮތުގައި ފުލުހުން ހުށަހަޅާފައިވަނީ ސީނަށް ދިޔަ ފުލުހެއްގެ ބަޔާނާއި، މަސްތުވާތަކެތީގެ ތަހުލީލު ރިޕޯޓުގެ އިތުރުން ހައްޔަރުކުރެވުނު މީހާގެ ކުޑަކަމުދާތަކެތީގެ ރިޕޯޓެވެ.








