އާސަންދައިގެ ދަށުން އެއްވެސް ބޭހެއް ކަވަރުކުރުން ހުއްޓާނުލާކަމަށް އާސަންދަ ކުންފުނިން ބުނެފިއެވެ.
އާސަންދައިން މިފަދައިން ބުނީ ކުރިން އާސަންދައިގެ ދަށުން ލިބެމުންދިޔަ ބައެއް ބޭސްތައް މިހާރު ނުލިބޭކަމަށް ބުނެ ބައެއް ފަރާތްތަކުން ކަންބޮޑުވުން ފާޅުކުރަމުންދިޔުމާ ގުޅިގެންނެވެ.
އާސަންދައިން ބުނީ، އާސަންދަ ސްކީމުގެ ދަށުން ދެމުންދިޔަ އެއްވެސް ބޭހެއް ހުއްޓާނުލާކަމަށާއި، ކުރިއެކޭ އެއްގޮތަށް މިހާރުވެސް ބޭހަށް ކަވަރޭޖް ލިބޭނެކަމަށެވެ. އަދި އާސަންދަ ސްކީމްގެ ދަށުން ކަވަރ ކުރާ ބޭސްތަކުގެ މަޢުލޫމާތު އާސަންދަ ވެބްސައިޓުން ބަލާލެވޭނެކަމަށްވެސް އެކުންފުނިން ހާމަކުރިއެވެ.
އާސަންދައިން އިތުރަށް ބުނީ ބަލްކް ޕްރޮކިއުމަންޓް އުޞޫލުން ބޭސް ރާއްޖެއަށް ގެނެސް، އާސަންދަ ލިސްޓުގައި ހިމަނައިގެން، މިއަހަރުގެ ތެރޭގައި ދައުރުކުރާ ބޭސްތަކުން އިތުރު އަގެއް ނުނަގާނެކަމަށެވެ. އަދި އާސަންދަ ސްކީމުގެ ދަށުން ކަވަރ ނުކުރާ ޚިދުމަތަކާއި ގުޅިގެން ދޭ ބޭހެއްނަމަ ކަވަރ ނުކުރާނެކަން އެނގޭނެހެން ބޭސް ސިޓީގައި "ނޮޓް ކަވަރޑް" ލިޔެފައި އޮންނާނެކަމަށްވެސް އެކުންފުނިން ހާމަކުރިއެވެ.
އާސަންދައިން އެދިފައިވަނީ އާސަންދައިގެ ދަށުން ލިބޭ ބޭހެއް، ސްކީމުގެ ދަށުން ޚިދުމަތްދޭ ބޭސް ފިހާރައަކުން ގަންނަން ޖެހިއްޖެނަމަ އެކަން "ޝިކާވަތި" ޗެޓްލައިން މެދުވެރިކޮށް ރިޕޯޓުކުރުމަށެވެ.
އާސަންދައިން ދެމުންދާ ޚިދުމަތްތައް ހަރުދަނާކޮށް، ޚިދުމަތުގެ އަގު ދެކޮޅުޖެހޭނެ ގޮތް ހެދުމަށް ބޮޑެތި ބަދަލުތަކެއް އާސަންދަ ނިޒާމަށް ގެނައުމަށް ވަނީ ނިންމާފައެވެ. އެގޮތުން މިދިޔަ މަހުގެ ތެރޭގައި އާސަންދަ މެދުވެރިކޮށް ވިއްކަމުންދާ އެންމެ އަގު ބޮޑު 250 ބޭހުގެ އަގުތަކަށް ބަދަލުތަކެއް ގެނެސްފައިވާކަން ފާހަގަކުރެވެއެވެ.
އާސަންދައިން ބުނީ، އެކުންފުނިން އަހަރަކު 3 ބިލިއަނާ ގާތްކުރާ ޢަދަދަކަށް ޚަރަދުކުރަމުންދާއިރު، މިޚަރަދުގެ ބޮޑުބައެއް ހޭދަކުރަނީ ބޭސްގަތުމަށް ކަމަށެވެ. އެހެންކަމުން ބޭސް އަގުހެޔޮކޮށް ވިއްކުމަށް ބަލްކް ޕްރޮކިއުމަންޓް އުޞޫލުން ބޭސް ރާއްޖެ އެތެރެކުރުމުގެ މަސައްކަތް މިހާރު ފަށްޓާފައިވާކަމަށް އެ ކުންފުނިން ބުންޏެވެ.









