މާލޭގައި ޤަވާޢިދާ ޚިލާފަށް އުޅެމުންދިޔަ އިތުރު 7 ބިދޭސީން އަތުލައިގެންފައިވާ ކަމަށް މޯލްޑިވްސް އިމިގްރޭޝަނުން މިއަދު ހާމަކޮށްފިއެވެ.
އިމިގްރޭޝަނުން މަޢުލޫމާތު ދިންގޮތުގައި، މި 7 ބިދޭސީން އަތުލައިގެންފައިވަނީ އިއްޔެ ހަވީރު މާލޭގައި ކުރިއަށް ގެންދިޔަ ޚާއްޞަ ރެއިޑު އޮޕަރޭޝަނެއްގައެވެ. މި އޮޕަރޭޝަނުގައި އިމިގްރޭޝަންގެ ޓާސްކްފޯހުން ވަނީ ކެފޭ އަދި ރެސްޓޯރެންޓުގެ ގޮތުގައި ހިންގަމުންދާ 10 ތަނެއް ބަލައި ފާސްކޮށްފައިވާ ކަމަށް އިމިގްރޭޝަނުން ބުންޏެވެ.
މިއީ ސަރުކާރުން ފަށާފައިވާ، ރާއްޖޭގައި ޤަވާޢިދާ ޚިލާފަށް އުޅެމުންދާ ބިދޭސީން ހޯދައި ފިޔަވަޅު އެޅުމުގެ މަސައްކަތުގެ ތެރެއިން ޙާޞިލްކުރެވުނު އިތުރު ކާމިޔާބީއެކެވެ. އިމިގްރޭޝަންގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 17 ވަނަ ދުވަހުން ފެށިގެން މިދިޔަ މަހުގެ 17 ވަނަ ދުވަހާއި ހަމައަށް ޤަވާޢިދާ ޚިލާފަށް ރާއްޖޭގައި އުޅެމުންދިޔަ 4,054 ބިދޭސީން ވަނީ އަނބުރާ އެމީހުންގެ ޤައުމަށް ފޮނުވާލާފައެވެ.








