މިދިޔަ އޮކްޓޫބަރުމަހު ބޭއްވި ބާ ކައުންސިލް އިމްތިޙާނުގައި ބައިވެރިވި 183 ވަކީލުންގެ ތެރެއިން %57 ވަކީލުން ފާސްވިކަމަށް އެކައުންސިލުން ހާމަކޮށްފިއެވެ.

ބާ ކައުންސިލުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މިދިޔަ އޮކްޓޫބަރުމަހުގެ 12 ވަނަ ދުވަހު ބޭއްވި ބާ އިމްތިޙާނުގެ ނަތީޖާ މިހާރު ދޫކުރަން ފަށާފައިވާ ކަމަށެވެ. އަދި މި އިމްތިޙާނުގައި ބައިވެރިވި 183 ކެންޑިޑޭޓުންގެ ތެރެއިން %57 ކެންޑިޑޭޓުން ފާސްވެފައިވާކަމަށް ބާ ކައުންސިލުން ބުންޏެވެ.

އިތުރު ތަފްސީލުތައް ހާމަކުރަމުން، ބާ ކައުންސިލުން ބުނީ އިމްތިޙާނުގައި ބައިވެރިވި %85 ކެންޑިޑޭޓުންނަކީ ރާއްޖޭގެ މަތީ ތަޢުލީމުދޭ މަރުކަޒުތަކުން ޤާނޫނީ ދާއިރާއިން ޑިގްރީ ޙާސިލްކޮށްފައިވާ ކެންޑިޑޭޓުން ކަމަށެވެ. އަދި ބާކީ %15 ކެންޑިޑޭޓުން ޑިގްރީ ޙާސިލްކޮށްފައިވަނީ ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމު ފޯރުކޮށްދޭ މަރުކަޒުތަކުން ކަމަށްވެސް ބާ ކައުންސިލުން ބުންޏެވެ.

ބާ އިމްތިޙާނަކީ ޤާނޫނީ ދާއިރާއަށް އަލަށް ނުކުންނަ ވަކީލުންގެ ކިބައިގައި ރާއްޖޭގައި ޤާނޫނީ ޚިދުމަތް ދިނުމަށް ބޭނުންވާ އެންމެ އަސާސީ ޤާނޫނީ ޢިލްމާއި ހުނަރު ހުރިކަން ކަށަވަރުކޮށް، ފެންވަރު ވަޒަންކުރުމަށް ދެވޭ އިމްތިޙާނެކެވެ. ރާއްޖޭގެ ޤާނޫނީ ފަންނުގެ ޤާނޫނުގައި ޤާނޫނީ ވަކީލަކަށްވުމަށް ކަނޑައަޅާފައިވާ ތިން އަސާސީ ޝަރުތުތަކުގެ ތެރޭގައި ބާ އިމްތިޙާނުން ފާސްވުން ހިމެނެއެވެ.

މިއަހަރުގެ އިމްތިޙާނުގެ ބައިވެރިންނަށް އަލަށް މަންހަޖަށް އިތުރުކުރެވުނު ބައިތަކުންނާއި ރެކޯޑުކުރެވިފައިވާ ލެކްޗަރތައް ނަގައިދީފައިވާނެ ކަމަށް ބާ ކައުންސިލުން ބުންޏެވެ. މިއަހަރުގެ ބާ އިމްތިޙާނު އިންތިޒާމްކުރީ ސަރުކާރާއި ޔޫއެސްއެއިޑާއި އެމެރިކަން ބާ އެސޯސިއޭޝަންގެ އެހީތެރިކަމާއެކުއެވެ.

ބާ އިމްތިޙާނުގެ މަންޙަޖު އެކުލަވާލަނީ ޤާނޫނީ ދާއިރާގައި މަސައްކަތް ކުރާ ތަޖުރިބާކާރު ޤާނޫނީ ވަކީލުންނާއި ޤާނޫނީ ތަޢުލީމު އުނގަންނައިދޭ ބޭފުޅުންނާއި ފަނޑިޔާރުން ހިމެނޭގޮތަށް އެކުލަވާލާފައިވާ ބާ އިމްތިޙާނުގެ "ކޮމިޓީ އޮފް އެކްސްޕަރޓްސް" އިންކަން ފާހަގަކޮށްލެވެއެވެ.