ޤާނޫނީ ފަންނުގެ ޤާނޫނަށް ގެނެވުނު އައު އިސްލާހާއެކު، ބާ ކައުންސިލުގެ މިނިވަންކަމާއި މުސްތަޤިއްލުކަން އިތުރުވެގެންދާނެ ކަމަށް ބާ ކައުންސިލްގެ ރައީސް ހުސައިން ސިރާޖު ވިދާޅުވެއްޖެއެވެ.
ބާ ކައުންސިލުގައި ބަންޑާރަނައިބު ނުހިމެނޭގޮތަށް ޤާނޫނަށް ގެނައި އިސްލާހު ރައީސުލްޖުމްހޫރިއްޔާ ވަނީ މި މަހުގެ 3 ވަނަ ދުވަހު ތަސްދީޤު ކުރައްވާފައެވެ. މި އިސްލާހާއެކު ބާ ކައުންސިލުގެ ހިންގާ ކޮމިޓީގައި ހިމެނިވަޑައިގަންނަވާނީ އެ ކައުންސިލުގެ މެންބަރުންގެ ތެރެއިން އިންތިޚާބު ކުރާ މެންބަރުންނެވެ.
މި އިސްލާހަކީ ބައިނަލްއަޤްވާމީ އުސޫލުތަކާ އެއްގޮތް އިސްލާހެއް ކަމަށް ސިރާޖު ފާހަގަކުރެއްވިއެވެ. އަދި މި އިސްލާހާ ގުޅިގެން ބާ ކައުންސިލުގެ ހިންގާ ކޮމިޓީން ބަންޑާރަނައިބު ވަކިކުރެވިފައިވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
"ކުރިން ބަންޑާރަނައިބު ކޮމިޓީގައި ހިމެނުމުން ސަރުކާރުގެ ނުފޫޒު ފޯރުވުމުގެ ފުރުސަތު އޮތް. މިހާރު އެ ފުރުސަތު ނެތް. ނަމަވެސް ބަންޑާރަނައިބު ބާ ކައުންސިލުގެ އާންމު މެންބަރެއްގެ ގޮތުގައި ދެމިހުންނަވާނެ،" ސިރާޖު ވިދާޅުވިއެވެ.
މީގެ އިތުރުން، ހިންގާ ކޮމިޓީން ބަންޑާރަނައިބު ވަކިކުރެވުމާ ގުޅިގެން ހުސްވެފައިވާ މަޤާމަށް އައު މެންބަރަކު އިންތިޚާބުކުރުމަށް 60 ދުވަހުގެ މުއްދަތެއް ދެވިފައިވާ ކަމަށް ވެސް ސިރާޖު ހާމަކުރެއްވިއެވެ. އެގޮތުން، މިހާރު ހުސްވެފައިވާ މަގާމަށް މެންބަރަކު އިންތިޚާބު ކުރުމުގެ މަސައްކަތް މިހާރު ކުރިއަށްގެންދާ ކަމަށް ބާ ކައުންސިލްގެ ރައީސް ހުސައިން ސިރާޖު ވިދާޅުވިއެވެ.










