8 ވަކީލަކު ހުވައިކޮށް، ވަކީލެއްގެ ގޮތުގައި މަސައްކަތް ކުރުމުގެ ހުއްދަ ހޯދައިފިއެވެ.
ބާ ކައުންސިލުން އިންތިޒާމުކޮށްގެން ބޭއްވި ތިންވަނަ ޤާނޫނީ ވަކީލުކަމުގެ ހުއްދަ ދޫކުރުމަށް މިއަދު ބޭއްވުނު ރަސްމިއްޔާތުގައި ވަކީލުންނަށް ހުވައިލައިދެއްވީ ހައިކޯޓު ފަނޑިޔާރު ޙުސައިން މަޒީދެވެ. އަދި ވަކީލުކަމުގެ ހުއްދަ ހަވާލުކުރެއްވީ ބާ ކައުންސިލުގެ ރައީސް ޙުސައިން ސިރާޖެވެ.
ހުވައި ލައިދެއްވުމަށްފަހު ފަނޑިޔާރު މަޒީދު ދެއްކެވި ވާހަކަފުޅުގައި ވަކީލުންގެ ޒިންމާގެ މުހިއްމުކަން ފާހަގަކުރެއްވިއެވެ. އެގޮތުން ވަކީލުންގެ ޒިންމާއަކީ ބޮޑު ޒިންމާއެއްކަމަށާއި، އެ ޒިންމާ އަދާނުކުރެވިއްޖެނަމަ މީހުންގެ ޙައްޤުތައް ގެއްލިދާނެކަމަށް ވިދާޅުވިއެވެ.
މީގެއިތުރުން ފަނޑިޔާރު މަޒީދު ވިދާޅުވީ ވަކީލުންނަކީ އަދުލު އިންސާފު ޤާއިމުކުރުމުގައި މުހިއްމު ދައުރެއް އަދާކުރާ ބައެއްކަމަށެވެ. އަދި ރަނގަޅަށް ތައްޔާރުވެގެން ކޯޓަށް ދިއުމަކީ އިންސާފު ޤާއިމުކުރުމަށް އެހީތެރިވެދޭ ކަމެއްކަމަށްވެސް ފާހަގަކުރެއްވިއެވެ.
މި ރަސްމިއްޔާތުގައި ހުވައިކުރި 8 ވަކީލުންނަށް ވަކީލުކަމުގެ ހުއްދަ ލިބުމާއެކު، އެ ފަރާތްތަކަށް ދިވެހިރާއްޖޭގެ ކޯޓުތަކުގައި ވަކާލާތުކުރުމުގެ ފުރުޞަތު ލިބިގެންދާނެއެވެ.










