ދިވެހިރާއްޖޭގެ ގާނޫނީ ފަންނުގެ ދާއިރާއަށް މިދިޔަ އަހަރު އަލަށް 81 ވަކީލުން ގުޅި، އެ ދާއިރާގައި މަސައްކަތްކުރާ ޖުމްލަ ވަކީލުންގެ އަދަދު 1,913 އަށް އަރައިފި އެވެ.
ބާ ކައުންސިލުން މިކަން ހާމަކޮށްފައިވަނީ، ދިވެހިރާއްޖޭގެ ގާނޫނީ ފަންނުގެ ގާނޫނުގެ ދަށުން ކޮންމެ އަހަރަކު ބޭއްވުން ލާޒިމްކުރާ އެ ކައުންސިލުގެ އަހަރީ އާންމު ޖަލްސާގަ އެވެ. ގާނޫނުގެ 24 ވަނަ މާއްދާގައިވާ ގޮތުގެ މަތިން ބޭއްވި މި ޖަލްސާގައި، ކައުންސިލުގެ އަހަރީ ރިޕޯޓާއި އޮޑިޓް ރިޕޯޓް ވަނީ ފާސްކޮށްފަ އެވެ. މި ރިޕޯޓުތައް ދެން ހުށަހެޅުމަށް ހަމަޖެހިފައިވަނީ ރައްޔިތުންގެ މަޖިލީހަށެވެ.
ތަފާސްހިސާބުތަކުން ދައްކާގޮތުގައި، މިދިޔަ އަހަރު އަލަށް ގުޅުނު 81 ވަކީލުންގެ ތެރޭގައި ގިނައީ އަންހެން ވަކީލުންނެވެ. މީގެ އިތުރުން، މިދިޔަ އަހަރު ސުޕްރީމް ކޯޓުގައި ވަކާލާތު ކުރުމުގެ ފުރުސަތު 308 މީހަކަށް އަދި ހައިކޯޓުގައި ވަކާލާތު ކުރުމުގެ ފުރުސަތު 466 މީހަކަށް ވަނީ ދީފަ އެވެ. ގާނޫނީ ހިދުމަތްދޭ މުއައްސަސާތަކަށް ބަލާއިރު، އަލަށް 17 ލޯ ފާމެއް ދަފްތަރު ކުރެވި، ރާއްޖޭގައި ހިންގާ ލޯ ފާމްތަކުގެ ޖުމްލަ އަދަދު މިހާރު ވަނީ 155 އަށް އަރާފަ އެވެ.
އަހަރީ އާންމު ޖަލްސާގައި ވާހަކަދައްކަވަމުން ބާ ކައުންސިލުގެ ރައީސް އަލްއުސްތާޛް ހުސައިން ސިރާޖް ވިދާޅުވީ، 2024 ވަނަ އަހަރަކީ ގާނޫނީ ދާއިރާ ހަރުދަނާ ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރެވުނު އަހަރެއް ކަމަށެވެ. އެގޮތުން އާންމު މަސްލަހަތާ ގުޅުންހުރި ގާނޫނީ އަދި ދުސްތޫރީ ކަންކަމުގައި ކައުންސިލުގެ ރައުޔު ހާމަކުރުމަކީ މިދިޔަ އަހަރު ކުރެވުނު މުހިއްމު މަސައްކަތެއްގެ ގޮތުގައި ސިރާޖް ފާހަގަކުރެއްވި އެވެ.
ކުރިއަށް އޮތް އަހަރަށް ބާ ކައުންސިލުން ކަނޑައަޅާފައިވާ މުހިއްމު އިސްތިރާތީޖީ އަމާޒުތަކުގެ ތެރޭގައި، ދިވެހިރާއްޖޭގެ ގާނޫނީ ފަންނުގެ ދާއިރާ ހަރުދަނާ ނިޒާމެއްގެ ތެރެއިން ރެގިއުލޭޓްކުރުމާއި، ގާނޫނީ ވަކީލުންގެ ސުލޫކީ މިންގަނޑުތަކާއި ފަންނީ އަހުލާގު އެންމެ މަތީ ފެންވަރުގައި ހިފެހެއްޓުން ކަށަވަރުކުރުން ހިމެނެ އެވެ. މީގެ އިތުރުން، ގާނޫނީ ތައުލީމުގެ ފެންވަރު ވަކި މިންގަނޑެއްގައި ހިފަހައްޓައި ވަކީލުންގެ ފަންނީ ހުނަރާއި ގާބިލުކަން އިތުރުކުރުމުގެ ބޭނުމުގައި ކުރެވޭ މަސައްކަތްތަކުގެ ތެރެއިން، އިންސާނީ ހައްގުތައް ހިމާޔަތްކޮށް، އަދުލުވެރިކަމާއި އިންސާފު ދެމެހެއްޓުމަށް ކުރެވޭ މަސައްކަތްތައް އިތުރަށް ހަރުދަނާކުރުމަކީވެސް މައިގަނޑު މަގުސަދެެއްކަމަށްވެސް އެ ކައުންސިލުން ބުންޏެވެ.
ވަކީލުންގެ ސުލޫކީ މައްސަލަތަކާ ގުޅޭގޮތުން ހާމަކޮށްފައިވާ ގޮތުގައި، މިދިޔަ އަހަރު 28 މައްސަލައެއް ހުށަހެޅުނު އިރު، އޭގެ ތެރެއިން 17 މައްސަލައެއް ބެލުމަށް ވަނީ ނިންމާފަ އެވެ. އަހަރު ނިމުނުއިރު ޖުމްލަ 45 މައްސަލައެއް ބަލަމުންދިޔަ ނަމަވެސް، އޭގެ ތެރެއިން 4 މައްސަލައެއް ވަނީ އެއްކޮށް ނިންމާފަ އެވެ.
މި ޖަލްސާގައި ކުރިއަށް އޮތް އަހަރަށް ލަފާކުރާ އާމްދަނީއާއި ހަރަދުގެ ތަފްސީލް މެންބަރުންނާ ހިއްސާކޮށްފައިވާއިރު، ބާ ކައުންސިލުގެ އެންމެ ބޮޑު އަމާޒަކީ ވަކީލުންގެ މެދުގައި އޮންނަ ގުޅުން ބަދަހިކޮށް، ކައުންސިލުގެ ހަރަކާތްތަކުގައި ވަކީލުންގެ ބައިވެރިވުން މިހާރަށްވުރެ އިތުރުކުރުންކަމަށް އެ ކައުންސިލުން ފާހަގަކުރި އެވެ.










