އަންނަ ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމަށް ރައްޔިތުންގެ ހިޔާލު ހޯދުމަށް ނެގޭ ވޯޓާ ގުޅޭ ޕެނަލް ޑިސްކަޝަނެއް ބާއްވަން ބާ ކައުންސިލުން ނިންމައިފި އެވެ.
އެ ޕެނަލް ޑިސްކަޝަން ބޭއްވުމަށް ހަމަޖެހިފައި ވަނީ ހޮނިހިރު ދުވަހުގެ ހަވީރު އެވެ. އެ ޕެނަލް ޑިސްކަޝަންގައި ބަންޑާރަ ނައިބު އަހުމަދު އުޝާމު އާއި ކުރީގެ ދެ ބަންޑާރަ ނައިބުން ކަމަށްވާ އާޒިމާ ޝަކުރު ގެ އިތުރުން ދިޔާނާ ސައީދު ވެސް ބައިވެރިވަޑައިގަންނަވަ އެވެ. އެ ބޭފުޅުންނަކީ ދެ އިންތިހާބު އެއްކޮށްލުމަށް ތާއިދު ކުރައްވާ ތިން ބޭފުޅުންނެވެ.
އެ ބޭފުޅުންގެ އިތުރުން ޕެނަލް ޑިސްކަޝަންގެ ޕެނަލިސްޓުންގެ ގޮތުގައި ބައިވެރިވެވަޑައިގަންނަވަނީ ޕްރޮސިކިއުޓާ ޖެނަރަލް އަހުމަދު މުއިއްޒު އެވެ. އަދި ގާނޫނީ ވަކީލް ޝާހީން ހަމީދު އެވެ. އެ ދެ ބޭފުޅުންގެ އިތުރުން ގާނޫނީ ގިނަ ދިރާސާތަކެއް ކުރައްވާ ޑރ. ޝަމްސުލް ފަލާހު ވެސް އެ ޑިސްކަޝަން ޕަނެލްގައި ހިމެނި ވަޑައިގަންނަވަ އެވެ. އެ ބޭފުޅާއަކީ ދެ އިންތިހާބު އެއްކޮށްލުމާ ދެކޮޅަށް ވަކާލާތު ކުރައްވާ ބޭފުޅެކެވެ.
"ފެންނަ ނުފެންނަ ވޯޓުގައި ރައްޔިތުންގެ ކިބައިން އަހާ ސުވާލަކީ ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެކުގައި ބޭއްވުމަށާއި ރައްޔިތުންގެ މަޖިލީހުގެ އުމުރު ގުނުމުގެ އުސޫލު ބަޔާންކުރުމަށްޓަކައި ރައްޔިތުންގެ މަޖިލީހުން ފާސްކުރައްވާފައިވާ "ގާނޫނު އަސާސީއަށް 8 ވަނަ އިސްލާހު ގެނައުމުގެ ބިލް" ރައީސުލްޖުމްހޫރިއްޔާ ތަސްދީގުކުރެއްވުމަށް ފެނޭތޯ ނުވަތަ ނޫންތޯ އެވެ. "
އެގޮތުން ދެ އިންތިހާބް އެކޮށްލުމުގެ ރެފެންޑަމްއަށް އިދިކޮޅު ޕާޓީ އެމްޑީޕީއިން ދަނީ ފާޅުގައި ދެކޮޅު ހަދަމުންނެވެ. އަދ އެ ޕާޓީން ވަނީ ވޯޓު ހުއްޓުވަން ހައި ކޯޓަށް މައްސަލައެއް ވެސް ހުށަހަޅައިފަ އެވެ. ނަމަވެސް، ހައި ކޯޓުންއެ އެ މައްސަލަ ބަލައިގަތުމާ މެދު ވަކި ގޮތެއް ނުނިންމަ އެވެ. ހަމައެހެންމެ އެމްޑީޕީއިން ވަނީ ދުސްތޫރީ މައްސަލައެއްގެ ގޮތުގައި އެމައްސަލަ ސުޕްރީމް ކޯޓަށް ހުށައަޅާފަ އެވެ. އަދި ސުޕްރީމް ކޯޓުން ވަނީ މައްސަލަ ބަލައިގަނެފަ އެވެ.









