މަންމައަށް އަނިޔާކޮށް ގަދަކަމުން ފައިސާ ހޯދަން އުޅުނު ކަމުގެ ތުހުމަތުގައި ހައްޔަރުކުރި މީހާގެ ބަންދުގެ މުއްދަތު އިއްޔެ ކްރިމިނަލް ކޯޓުން އިތުރުކޮށްފި އެވެ. އެ ކޯޓުން ވަނީ އޭނާގެ ބަންދަށް އިތުރު 8 ދުވަސް ދީފަ އެވެ. މީގެ ކުރިން އޭނާ ބަންދުކުރީ ހަތް ދުވަހަށެވެ.
އެ މައްސަލައާ ގުޅިގެން ހައްޔަރުކުރީ މ. ހުވަދުގަދަކޯޅިގެ، އިބްރާހިމް ނިޒާމް، 40 އެވެ.
އޭނާގެ ބަންދު އަމުރުގައި ބުނެފައިވާ ގޮތުގައި، ގެވެށި އަނިޔާއިން ރައްކާތެރި ކުރުމުގެ އަމުރަކާއި ހިލާފަށް، އޭނާގެ މަންމަގެ އަތުން ގަދަކަމުން ފައިސާ ހޯދަން އުޅެ، ބިރު ދައްކައި އަދި ގައިގައި ޖަހައި މާރާމާރީ ހިންގާފައިވާ ކަމަށް އޭނާގެ މައްޗަށް ތުހުމަތު ކުރެވެ އެވެ.
އެ މީހާއަކީ މަންމައަށް އަނިޔާކޮށް، މާރާމާރީ ހިންގުމުގެ ރެކޯޑް އޮންނަ މީހެއް ކަމަށް ވެސް ކޯޓު އަމުރުގައިވެ އެވެ.
އޭނާ ބަންދުގައި ބެހެއްޓުމަށް އަމުރުކުރީ މުޖުތަމައުގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ކަމަށް ކޯޓު އަމުރުގައި ބުންޏެވެ.









