ސްޕެނިޝް ލަ ލީގާގައި ރޭ ރިއަލް މެޑްރިޑްގެ ސްޓްރައިކަރު ފުރާންސުގެ އެމްބާޕޭ ވަނީ އެތްލެޓިކް ބިލްބާއޯއާ ދެކޮޅަށް ކުޅުނު މެޗުގައި ލިބުނު ޕެނަލްޓީ މިސްކޮށްލައިފައެވެ. މި މެޗުގައި ރިއަލް މެޑްރިޑް ވަނީ 2-1 އިން ބަލިވެފައެވެ. އެމްބާޕޭގެ ޕެނަލްޓީ ބިލްބާއޯގެ ކީޕަރު މަތަކުރިއިރު، މިއީ އެމްބާޕޭ އަށް ހަފްތާއެއްގެ ތެރޭގައި ދާގަނޑުގައި ތަތްކޮށް ނުލެވުނު ދެވަނަ ޕެނަލްޓީކަން ފާހަގަ ކުރެވެއެވެ. އެއީ ޗެމްޕިއަންސް ލީގުގައި ލިވަޕޫލާއި ދެކޮޅަށް ކުޅުނު މެޗުގައި ގޯލަކަށް ނެހެދުނު ޕެނަލްޓީއެވެ.

ރޭގެ މެޗުގެ 53 ވަނަ މިނެޓުގައި ބިލްބާއޯ ވަނީ އެ ޓީމުގެ ފުރަތަމަ ގޯލް ޖަހައި ލީޑު ނަގާފައެވެ. އޭގެ ފަހުން ރިއަލް މެޑްރިޑަށް ލިބުނު ޕެނަލްޓީ އެމްބާޕޭ މިސްކުރުމުން، 78 ވަނަ މިނެޓުގައި ޖޫޑް ބެލިންގްހަމް ވަނީ އެއްވަރު ކޮށްދީފައެވެ. ނަމަވެސް މެޗުގެ ފުރިހަމަ ވަގުތު ހަމަވާން ދިހަ މިނެޓަށް ވެފައި ވަނިކޮށް ބިލްބާއޯއިން ވަނީ އިތުރު ގޯލެއް ޖަހައި ތިން ޕޮއިންޓް ކަށަވަރުކޮށްފައެވެ.

މި ނަތީޖާގެ ސަބަބުން ރިއަލް މެޑްރިޑް ވަނީ ލަލީގާގެ ޕޮއިންޓް ތާވަލުގައި ބާސެލޯނާއާ ދެމެދު އޮތް ޕޮއިންޓުގެ ފަރަގު ހަނިކުރުމަށް ލިބުނު އެންމެ ރަނގަޅު ފުރުސަތު ގެއްލުވާލާފައެވެ. ބާސާއަށް 16 މެޗުން ސަތުތިރީސް ޕޮއިންޓް ލިބިފައިވާއިރު ތާވަލުގެ ދެވަނައިގައި ރިއަލް އޮތީ ބާސާއަށްވުރެ އެއް މެޗު މަދުން ކުޅެ ތެއްތިރީސް ޕޮއިންޓާއެކުއެވެ.