މެންޗެސްޓަރ ސިޓީގެ ތަރި ކެވިން ޑިބްރޭނާ އަނބުރާ އައުމާއެކު، ސިޓީގެ ކުޅުން ރަނގަޅުވެ، ރޭ ޕްރިމިއަރ ލީގުގައި ނޮޓިންގހަމް ފޮރެސްޓް މައްޗަށް 3-0 އިން ބޮޑު ކާމިޔާބެއް ހޯދައިފިއެވެ. އިއްތިހާދު ސްޓޭޑިއަމްގައި ކުޅުނު މި މެޗުގައި ޑިބްރޭނާ ވަނީ އެއް ލަނޑު ޖަހައި އެއް އެސިސްޓް ދީފައެވެ. މިއީ އަނިޔާގައި ހުރުމުން ގިނަ ދުވަހު ބެންޗުގައި ހުންނަން ޖެހުނު ޑިބްރޭނާ ގާޑިއޯލާގެ ފުރަތަމަ 11 އަށް ނެގި ފުރަތަމަ މެޗު ވެސް މެއެވެ.
ބަނޑުގެ މައްސަލައެއްގެ ސަބަބުން އަށް ހަފްތާއަށް ނުކުޅެވި ހުރުމަށްފަހު އެނބުރި އައި ފަހުން، ގާޑިއޯލާ ޑި ބްރޭނާ އަށް ފުރުސަތު ދިނީ އެންމެ ފަސް މެޗުގައެވެ. އެއީވެސް ބަދަލުކުޅުންތެރިއެއްގެ ގޮތުގައި ޖުމްލަ 72 މިނެޓަށެވެ.. އޭގެ ތެރެއިން އެންފީލްޑުގައި އާދީއްތަ ދުވަހު ކުޅުނު މެޗުގައި އޭނާއަށް ކުޅެވުނީ އެންމެ 12 މިނެޓެވެ.

ޑިބްރޭނާއަށް ފުރުސަތު ނުދޭތީ މީޑިއާގައި ގާޑިއޯލާއަށް ފާޑުކިޔުން ވެސް އަމާޒުވިއެވެ. އެއަށް ގާޑިއޯލާ ވަނީ ރޭގެ މެޗް ފެށުމުގެ ކުރިން އިއްޔެ ރައްދު ވެސް ދީފައެވެ.
އިތުރަށް ކިޔާލަން "ޑިބްރޭނާއާއި ދެމެދު މައްސަލައެއް އުޅޭކަން ގާޑިއޯލާ ދޮގު ކޮށްފި"
ރޭގެ ފުރަތަމަ ހާފުގައި ބަރނާޑޯ ސިލްވާ އާއި ޑިބްރޭނާ ވަނީ ލަނޑު ޖަހާފައެވެ. ދެވަނަ ހާފުވައި ޖެރެމީ ޑޮކޫ ވަނީ ތިންވަނަ ލަނޑު ޖަހާފައެވެ. މިއީ ސިޓީ އަށް ވޭތުވެދިޔަ 7 މެޗުގައި ކާމިޔާބު ނުލިބި ތިބުމަށްފަހު ލިބުނު ފުރަތަމަ ކާމިޔާބެވެ.
މެޗު ފަށައިގެން ވެސް ޕެޕް ގާޑިއޯލާގެ ސިޓީ ވަނީ ވަރަށް ރަނގަޅު ކުޅުމެއް ދައްކާފައެވެ. 8 ވަނަ މިނެޓުގައި ބަރނާޑޯ ސިލްވާ ވަނީ ފުރަތަމަ ލަނޑު ޖަހާފައެވެ. 30 ވަނަ މިނެޓާއި ކައިރިވަމުން ދަނިކޮށް ތަޖުރިބާކާރު މިޑްފިލްޑަރު ޑިބްރޭނާ ވަނީ ޑޮކޫގެ ޕާހަކުން ލިބުނު ބޯޅައަކުން ދެވަނަ ލަނޑު ޖަހާފައެވެ.
މި މޮޅާއިއެކު ސިޓީ ވަނީ ޕްރިމިއަރ ލީގުގައި ކުޅުނު 14 މެޗުން 26 ޕޮއިންޓް ހޯދައި މާޔޫސްވެފައިވާ ސަޕޯޓަރުންނަށް ހިތްހަމަޖެހުމެއް ގެނެސްދީފައެވެ.
ޕްރިމިއަރ ލީގުގައި ރޭ ކުޅުނު އެހެން މެޗުތަކަށް ބަލާއިރު އެއްވަނައިގައި އޮތް ލިވަޕޫލަށް ނިއުކާސަލް އަތުން ލިބުނީ ޕޮއިންޓެކެވެ. އެއީ 3-3 ލަނޑުން އެއްވަރު ވެގެންނެވެ. އެ މެޗުގައި ސަލާހް ދެ ގޯލު ޖެހިކަން ފާހަގަ ކުރެވެއެވެ.
މެންޗެސްޓަރ ޔުނައިޓެޑްގެ މައްޗަށް 0-2 ލަނޑުން އާސެނަލް ކުރި ހޯދިއިރު ޗެލްސީ ވަނީ 5-1 ގެ ތަފާތު ބޮޑު ނަތީޖާ އަކުން ސައުތަމްޕްޓަން ބަލި ކޮށްފައެވެ.









