ނައިންޓީ ޕްލަސް ގޯލްޑް ކަޕް 2024 ގައި މިއަދު ހަވީރު ރ. އަލިފުށި ބަލިކޮށް، ދެވަނަ ބުރުގެ ޖާގައެއް ކ. މާފުށިން ހޯދައިފިއެވެ.
ޤައުމީ ފުޓްބޯޅަ ދަނޑުގައި ކުޅުނު ގްރޫޕް ޑީގެ މެޗުގައި މާފުށިން ވަނީ 1-0 ގެ ނަތީޖާއަކުން އަލިފުށި ބަލިކޮށްފައެވެ. މި މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު ޖަހާފައިވަނީ ދެވަނަ ހާފު ފެށުނު ތަނާހެން މާފުށީގެ އިސްމާޢީލް ނަޒީހެވެ. މިއީ އަލިފުށީގެ ގޯލްކީޕަރު މުޙައްމަދު ފަސީހު ހެދި ގޯހެއްގެ ފައިދާ ނަގައި، އިބްރާހީމް އަތީގު ހަސަން ދިން ބޯޅައަކުން ނަޒީހު ކާމިޔާބުކުރި ލަނޑެކެވެ.
މި މެޗުން ބަލިވި ނަމަވެސް އަލިފުއްޓަށް ވަނީ މި ގްރޫޕުގެ އެއްވަނަ މަގާމު ލިބިފައެވެ. އެގޮތުން އެއްވަނައިގައި އޮތް އަލިފުއްޓާއި ދެވަނައިގައި އޮތް ޅ. ނައިފަރަށް ހަ ޕޮއިންޓް ލިބިފައިވާއިރު، އަލިފުއްޓަށް ކުރި ލިބެނީ ލަނޑުގެ ތަފާތުންނެވެ. އަދި ތިންވަނަ ހޯދި މާފުށްޓަށް ހަތަރު ޕޮއިންޓް ލިބިފައިވާއިރު، ފުލަށްދިޔަ ބ. ކެންދުއަށް ލިބިފައިވަނީ އެންމެ ޕޮއިންޓެކެވެ.
މުޅި ރާއްޖެއަށް ހުޅުވާލައިގެން ބާއްވާ މި މުބާރާތުގައި ޖުމްލަ 17 ޓީމެއް ވާދަކުރަމުން އަންނައިރު، މި ޓީމުތައް ވަނީ ހަތަރު ގުރޫޕަކަށް ބަހާލާފައެވެ. މުބާރާތުގެ ގުރޫޕް އޭގައި ހިމެނެނީ ފުވައްމުލައް ސިޓީ އާއި، ދ. ކުޑަހުވަދޫ އާއި، ގދ. ފަރެސްމާތޮޑާ އާއި ދ. މީދޫ އަދި ހއ. ދިއްދޫއެވެ.
ގުރޫޕް ބީގައި ހިމެނެނީ މާލެ ސިޓީ އާއި، ތ. ތިމަރަފުއްޓާއި، ބ. އޭދަފުށި އަދި ބ. ތުޅާދޫއެވެ.
ގުރޫޕް ސީގައި އައްޑޫ ސިޓީ އާއި، ޅ. ކުރެންދޫ އާއި، ކ. ހުރާ އަދި ކ. ގުރައިދޫ ހިމެނޭއިރު، ގުރޫޕް ޑީގައި ހިމެނެނީ ޅ. ނައިފަރާއި، ކ. މާފުއްޓާއި، ރ. އަލިފުށި އަދި ބ. ކެންދޫއެވެ.
މި މުބާރާތުގެ ދެވަނަ ބުރުގެ މެޗުތައް ކުޅެން ފަށާނެ ތާރީޚެއް އަދި އިޢުލާނުކޮށްފައި ނުވެއެވެ.









