އައްޑޫ ސިޓީ އިމާމުން ތަމްރީންކުރުމުގެ ޕްރޮގުރާމް ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ.
އިމާމުން ތާޒާކުރުމަށް އިސްލާމިކް މިނިސްޓްރީން ކުރިއަށް ގެންދާ ބޮޑު މަޝްރޫޢުގެ ދަށުން، އައްޑޫ ސިޓީގައި ކުރިއަށް ގެންދިޔަ އިމާމުން ތަމްރީންކުރުމުގެ ޕްރޮގުރާމް ނިންމި ބައިވެރިންނަށް ރޭ ވަނީ ސެޓްފިކެޓް ދީފައެވެ.
މިކަމަށްޓަކާ ރޭ އައްޑޫ ސިޓީގައި ކުރިއަށްދިޔަ ރަސްމިއްޔާތުގައި އިސްލާމީ މަރުކަޒުގެ އިސް އިމާމު ފަޟީލައްތުއްޝައިޚް މުޙައްމަދު ލަޠީފް ބައިވެރިވެލައްވާފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީން ބުންޏެވެ.
މިނިސްޓްރީން ބުނީ އައްޑޫ ސިޓީގައި ކުރިއަށް ގެންދިޔަ އިމާމުން ތަމްރީންކުރުމުގެ ޕްރޮގުރާމުގައި 68 އިމާމުން ބައިވެރިވެލައްވާފައިވާ ކަމަށެވެ.
އިމާމުން ތަމްރީންކުރުމަށް އިސްލާމިކް މިނިސްޓްރީން ކުރިއަށްގެންދާ ބޮޑު މަޝްރޫޢުގެ ދަށުން މިއަހަރު މިހާތަނަށް 19 އަތޮޅެއްގައި އިމާމުން ތަމްރީންކުރުމުގެ ޕްރޮގުރާމް ކުރިއަށް ގެންގޮސްފައިވާއިރު 804 އިމާމުން ތަމްރީންވެފައިވާ ކަމަށް އެ މިނިސްޓްރީން ބުންޏެވެ.
އިމާމުން ތަމްރީންކުރުމާއި، އިމާމުންނަށް އިތުރު ތަޢުލީމާއި ތަޖުރިބާގެ ފުރުޞަތުތައް ހޯދައިދިނުމަކީ އިސްލާމިކް މިނިސްޓްރީން ވަރަށް އިސްކަމެއް ދީގެން ކުރަމުން އަންނަ ކަމެއްކަން ފާހަގަކޮށްލެވެއެވެ.









