ހުޅުމާލޭގައި ތަރައްޤީކޮށްފައިވާ "އޮޅުހިޔާ" ޕެޓް ކެއަރ ފެސިލިޓީގެ ހިންގުން ދަނޑުވެރިކަމާއި ދިރޭތަކެއްޗާބެހޭ ވުޒާރާއާ ހަވާލުކުރުމަށް މާލެ ސިޓީ ކައުންސިލަށް އަންގައިފިއެވެ.
މިފަދައިން އަންގާފައިވަނީ މާލެ ސިޓީ ކައުންސިލުން އެއްބަސްވެފައިވާ ގޮތަށް ކަންކަން ކުރިއަށް ނުގެންދާތީއެވެ.
ދިރޭތަކެއްޗާބެހޭ ވުޒާރާއިން މާލެ ސިޓީ ކައުންސިލަށް ފޮނުވި ސިޓީއެއްގައި ބަޔާންކޮށްފައިވާ ގޮތުގައި، "އޮޅުހިޔާ" ތަރައްޤީކުރީ ދިރޭތަކެއްޗާބެހޭ ވުޒާރާއިން، މާލެ ސިޓީ ކައުންސިލާ ޙަވާލުކޮށްގެންނެވެ. މި ފެސިލިޓީ ހުޅުވައިދެއްވީ މިދިޔަ މަހުގެ 2 ވަނަ ދުވަހު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒެވެ.
ދިރޭތަކެއްޗާބެހޭ ވުޒާރާއާއި މާލެ ސިޓީ ކައުންސިލާ ދެމެދު ވެފައިވާ އެއްބަސްވުމުގެ ދަށުން، މާލޭގައި "ވީއްލިގެން" ނުވަތަ މަގުމަތީގައި އުޅޭ ބުޅާތައް މި ފެސިލިޓީއަށް ގެންދިއުމަށް ހަމަޖެހިފައިވެއެވެ. އަދި މިކަމަށްޓަކައި ޢަމަލުކުރާނެ ޕްލޭނެއްވެސް އެކުލަވާލާފައިވެއެވެ. ނަމަވެސް، މި ޕްލޭނާ އެއްގޮތަށް އެއްވެސް ކަމެއް ސިޓީ ކައުންސިލުން މިހާތަނަށް ކޮށްފައިނުވާކަމަށް ދިރޭތަކެއްޗާބެހޭ ވުޒާރާއިން ބުނެފައިވެއެވެ.
ދިރޭތަކެއްޗާބެހޭ ވުޒާރާއިން ވަނީ މާލޭ ސިޓީ ކައުންސިލާ ބައްދަލުކޮށް، މަސައްކަތްތައް ލަސްވަމުންދާ ކަންކަމާ ގުޅޭގޮތުން މަޝްވަރާކޮށްފައެވެ. އޭގެ ފަހުން ސިޓީ ކައުންސިލުން ވަނީ ބުޅާތައް ފެސިލިޓީއަށް ގެންދިޔުމުގެ މަސައްކަތް ފަށަން ނިންމާފައިވާކަން އިޢުލާންކޮށްފައެވެ.
ނަމަވެސް، ދިރޭތަކެއްޗާބެހޭ ވުޒާރާއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ "އޮޅުހިޔާ"އަށް ބުޅާތައް ގެންދިއުމުގައި ޢަމަލުކުރާނެ ގޮތުގެ އެސްއޯޕީތަކާއި ޕްލޭންތަކާއި ލަފާތައް އެ ވުޒާރާއިން މާލެ ސިޓީ ކައުންސިލާ ޙިއްސާ ކޮށްފައިވީ ނަމަވެސް އެކަންކަމަށް މިހާތަނަށް އެއްވެސް ޚިޔާލެއް ލިބިފައި ނެތް ކަމަށެވެ. އަދި އެސްއޯޕީތަކަށް ޢަމަލުނުކޮށް، އެ ފެސިލިޓީއަށް ބުޅާތައް މިވަގުތު ގެންދަން ފަށައިފިނަމަ ބުޅާތަކުގެ ޞިއްޙަތަށާއި ދުޅަހެޔޮކަމަށް ނުރަނގަޅު އަސަރުކުރުން އެކަށީގެންވާކަމަށް ދިރޭތަކެއްޗާބެހޭ ވުޒާރާއިން ބުންޏެވެ.
މި ހުރިހާ ކަމަކަށް ރިޢާޔަތްކޮށް، ދިރޭތަކެއްޗާބެހޭ ވުޒާރާއިން ނިންމާފައިވަނީ "އޮޅުހިޔާ" އަނބުރާ އެ ވުޒާރާގެ ބެލުމުގެ ދަށަށް ގެނައުމަށެވެ. މިކަމާ ގުޅިގެން މާލެ ސިޓީ ކައުންސިލަށް ފޮނުވާފައިވާ ސިޓީގައި، "އޮޅުހިޔާ" ގެ ހިންގުން ވަގުތުން ވަގުތަށް ދިރޭތަކެއްޗާބެހޭ ވުޒާރާއާ ހަވާލުކުރުމަށް އަންގާފައިވެއެވެ.









