ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި އިއްޔެ ބޭއްވުނު ބައްދަލުވުމެއްގައި، ކެޔޮޅުންގެ ކަންބޮޑުވުންތަކަށް އަވަސް ޙައްލެއް ހޯދައިދެއްވުމަށް މަސައްކަތް ކުރައްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
މި ބައްދަލުވުމުގައި ކެޔޮޅުން ވަނީ މަސްވެރިކަމުގެ ސިނާޢަތުގައި ރަނގަޅުކުރަން ބޭނުންވާ ކަންކަމާއި، މިހާރު ހުރި ކަންބޮޑުވުންތައް ރައީސާ ޙިއްސާކޮށްފައެވެ. އެގޮތުން، މަހުގެ އަގު ދަށްވުމާއި، ފައިސާއާއި ތެޔޮ ލިބުމުގައި ހުރި ދަތިތަކާއި، މަސްކިރުމުގައި ދިމާވާ ގޮންޖެހުންތަކުގެ ވާހަކަ ދެކެވުނެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ސަރުކާރުން މަސައްކަތްކުރައްވާނީ މަސްވެރިންނާއި ކެޔޮޅުންނާ ގާތުން، އެފަރާތްތަކުގެ ކަންބޮޑުވުންތަކަށް ޙައްލު ލިބޭނެ ގޮތަށް ކަމަށެވެ. އަދި ބައްދަލުވުމުގައި ފާހަގަކުރެވުނު ކަންކަމަށް އަވަސް ފިޔަވަޅުތަކެއް އަޅުއްވާނެކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.
މީގެއިތުރުން، މަސްވެރިކަމުގެ ސިނާޢަތް ޒަމާނީ ޓެކްނޮލޮޖީގެ އެހީގައި ކުރިއެރުވުމާއި، މަސްވެރިކަމުގެ މާކެޓް އިތުރުކޮށް މަހުގެ ފެންވަރު ރަނގަޅުކުރުމަށް ކުރެވިދާނެ ކަންކަމާ ގުޅޭގޮތުން ވެސް މި ބައްދަލުވުމުގައި މަޝްވަރާ ކުރެވުނެވެ.
ރައީސުލްޖުމްހޫރިއްޔާ އިތުރަށް ވިދާޅުވީ ކެޔޮޅުންނާއެކު ބައްދަލުވުންތައް ގިނަގިނައިން ބޭއްވެވުމަށް މަސައްކަތްޕުޅު ކުރައްވާނެ ކަމަށެވެ.









