ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ދައުލަތުގެ ދަރަންޏާއިބެހޭ ބިލު ތަޞްދީޤުކުރައްވައިފިއެވެ. މި ބިލަކީ 2024 ނޮވެންބަރު 27 ވަނަ ދުވަހު ބޭއްވުނު ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ތިންވަނަ ދައުރުގެ 55 ވަނަ ޖަލްސާއިން ފާސްކުރެއްވި ބިލެކެވެ.
މި ޤާނޫނުގެ މައިގަނޑު މަޤްޞަދަކީ ދައުލަތުގެ އެކިއެކި ބޭނުންތަކަށް ފައިސާ ހޯދުމަށްޓަކައި، ދަރަނީގެ ރިސްކުތަކަށް ރިޢާޔަތްކޮށް އަދި އެންމެ ޚަރަދުކުޑަވާނެ ގޮތަކަށް، ރާއްޖެއިންނާއި ރާއްޖެއިން ބޭރުން ދައުލަތުގެ ނަމުގައި ދަރަނި ނެގުމުގައި ސަރުކާރު ބާރުވެރިކުރުވުމެވެ. މީގެ އިތުރުން، ދައުލަތުން ދަރަނި ނަގައި ބަލަހައްޓައި މެނޭޖުކުރާނީ ޤައުމުގެ އިޤްތިޞާދަށާއި މުސްތަޤުބަލުގެ ޖީލުތަކަށް ކުރާނެ އަސަރު ވަޒަންކުރެވިގެންކަން މި ބިލުގައި ބަޔާންކޮށްފައިވެއެވެ.
މި ބިލުގެ ދަށުން، މި ޤާނޫނަށް ޢަމަލުކުރަން ފަށާތާ 6 މަސްދުވަހުގެ ތެރޭގައި، "ޑެޓް މެނޭޖްމަންޓް ޑިޕާޓްމަންޓް" ގެ ނަމުގައި މިނިސްޓްރީ އޮފް ފިނޭންސްގެ ދަށުން ހިނގާނެ އިދާރާއެއް އުފައްދަން ޖެހޭނެއެވެ. މި އިދާރާއަށް މިހާރު ހިނގަމުންދާ މިނިސްޓްރީގެ "ޑެޓް މެނޭޖްމަންޓް ޑިޕާޓްމަންޓް" ގެ އެންމެހައި ޒިންމާތަކާއި ވަސީލަތްތަކާއި އިލްތިޒާމްތައް ބަދަލުކުރެވޭނެއެވެ.
ރައީސުލްޖުމްހޫރިއްޔާ މި ބިލު ތަޞްދީޤުކުރެއްވުމާއި ގުޅިގެން މި ޤާނޫނު މިހާރު ވަނީ ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރައްވައިފައެވެ. މި ޤާނޫނަށް ޢަމަލުކުރަން ފަށާނީ، މި ޤާނޫނު ފާސްވެ ތަޞްދީޤުކޮށް، ދިވެހިސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރާ ތާރީޚުން ފެށިގެން 6 މަސްދުވަސް ފަހުންނެވެ.









