އިނގިރޭސި ލަވަކިޔުންތެރިޔާ ދުއާ ލިޕާ އިންޑިއާގެ މުމްބާއީގައި ބޭއްވި ޝޯއެއްގައި އޭނާގެ ލަވަޔަކާއިއެކު، ބޮލީވުޑްގެ އެކްޓަރު ޝާހްރުކް ހާންގެ މަޝްހޫރު ލަވައެއް ޖެހުމުން ގިނަ ބައެއް ހައިރާން ކޮށްލައިފިއެވެ
މިދިޔަ ހޮނިހިރު ދުވަހުގެ ރޭ މުމްބާއީގައި ބޭއްވުނު މި ޝޯއަކީ ދުއާ ލިޕާގެ "ރެޑިކަލް އޮޕްޓިމިޒަމް" ވޯލްޑް ޓުއާގެ ދަށުން ބޭއްވުނު ޝޯއެކެވެ. ދެ ގަޑިއިރު ދިގު މި ޝޯއަށް ގިނަ ބަޔަކު ގޮސްފައިވެއެވެ.
ޝޯގެ ތެރޭގައި ދުއާ ލިޕާ އޭނާގެ މަޝްހޫރު ލަވަ "ލެވިޓޭޓިން" ޕާފޯމްކުރަމުން ދަނިކޮށް، އެ ލަވަޔާ އެކު ޝާހްރުކް ހާންގެ މަޝްހޫރު ލަވައެއް ކަމަށްވާ "ވޯ ލަޑްކީ ޖޯ" ގެ ކަޑިތަކެއް ޖެހުމުން، އެކަމަށް ފޭނުންގެ ފަރާތުން ލިބުނު ތަރުހީބު ވަރަށް ބޮޑެވެ. "ވޯ ލަޑްކީ ޖޯ" އަކީ އިންޑިއާގެ ލަވަކިޔުންތެރިޔާ އަބީޖީތު ބަޓަޗަރަޔާގެ އަޑުން ކިޔާފައިވާ ލަވައެކެވެ.
"ލެވިޓޭޓިން" އާއި "ވޯ ލަޑްކީ ޖޯ" ގެ މެޝްއަޕް ސައުންޑެއް ސޯޝަލް މީޑިއާގައި ވަރަށް މަޤްބޫލުވެފައިވާކަން ފާހަގަ ކުރެވެއެވެ. މި ސައުންޑް ބޭނުން ކޮށްގެން ޓިކްޓޮކާއި އިންސްޓަގްރާމް ރީލްސްތައް ވެސް ވަރަށް ގިނައިން ހަދާފައިވާކަން ފާހަގަ ކުރެވެއެވެ. އެހެންކަމުން، މި އަޑު ދުއާގެ ޝޯގައި ޖެހުމުން ފޭނުން ވަނީ "މޮޔަވެފަ"އެވެ.
މި ދެ ފަންނަނު ްގުޅުމަކީ އައު ކަމެއް ނޫނެވެ. 2019 ވަނަ އަހަރު އިންޑިއާގައި ބޭއްވުނު ވަންޕްލަސް މިއުޒިކް ފެސްޓިވަލްގައި ދުއާ ލިޕާ އާއި ޝާހްރުކް ހާން ބައްދަލުވެ، އެކުގައި ފޮޓޯތައް ނަގައި ސޯޝަލް މީޑިއާގައި ހިއްސާކޮށްފައި ވެއެވެ.
ދުއާ ލިޕާގެ "ރެޑިކަލް އޮޕްޓިމިޒަމް" ވޯލްޑް ޓުއާގެ ދަށުން މިދިޔަ މަހު ތައިލެންޑާއި މެލޭޝިއާގައި ވެސް ޝޯތައް ބާއްވާފައި ވެއެވެ..