ޒުވާނުންގެ ނަފްސާނީ ދުޅަހެޔޮކަމަށް އަމާޒުކޮށްގެން ހިންގާ ޔޫތު ހެލްތު ކެފޭ އައު ސިފައެއްގައި ގެނައުމަށް މަސައްކަތް ފަށައިފިކަމަށް ޒުވާނުންގެ ކަންތައްތަކާއި ހަވާލުވެ ހުންނެވި ވަޒީރު އިބްރާހީމް ވަހީދު ވިދާޅުވެއްޖެއެވެ.
ޚާއްސަ އިންޓަވިއުއެއްގައި މިނިސްޓަރ ވަހީދު ވިދާޅުވީ، ޔޫތު ހެލްތު ކެފޭގެ ކައުންސެލިން ޚިދުމަތަށް އަބަދުވެސް ވަރަށް ގިނަ ބަޔަކު އެދޭ ކަމަށާއި، ނަމަވެސް ޑިމާންޑާއި އެއްވަރަށް މި ޚިދުމަތް ފޯރުކޮށްދިނުމުގައި ދަތިތަކެއް ހުރި ކަމަށެވެ.
"މިތަން ރީބްރޭންޑް ކޮށްގެން ކައުންސެލަރުން ނެގުމުގެ މަސައްކަތް ވެސް ވަރަށް ބާރަށް ކުރަމުން އެބަދޭ،" މިނިސްޓަރ ވިދާޅުވިއެވެ.
މިނިސްޓަރ އިތުރަށް ވިދާޅުވީ، ޒުވާނުންގެ ދުޅަހެޔޮކަމަށް ޚާއްސަ މި ޚިދުމަތުން އަގެއް ނެގުމުގެ އެއްވެސް ވިސްނުމެއް ސަރުކާރުން ނުގެންގުޅޭ ކަމަށެވެ. އަދި ކައުންސެލަރުން އިތުރުކުރުމުގެ މަސައްކަތް ވެސް މިހާރު ކުރިއަށްދާ ކަމަށް މަޢުލޫމާތު ދެއްވިއެވެ.
ރާއްޖޭގައި ސައިކޮލޮޖީއާއި ކައުންސެލިންގ ޚިދުމަތް ފޯރުކޮށްދޭ އަމިއްލަ ތަންތަނުން ވަރަށް ބޮޑު އަގެއް ނަގާއިރު، ޔޫތު މިނިސްޓްރީން މި ޚިދުމަތް ފޯރުކޮށްދެނީ މުޅިން ހިލޭސާބަހަށެވެ.









