ކިލިއަން އެމްބާޕޭއަށް އަމާޒުވަމުންދާ ފާޑުކިޔުންތަކަށް ރިއަލް މެޑްރިޑްގެ ކޯޗު ކާލޯ އަންޗެލޮޓީ ރައްދު ދީފިއެވެ. ގެޓާފޭއާއި ދެކޮޅަށް ރޭ ލަލީގާގައި ކުޅުނު މެޗުގައި އެމްބާޕޭ ފެނުނީ ވަރަށް ނުރައްކާތެރި ކުޅުންތެރިއެއްގެ ގޮތުގައި ކަމަށް އަންޗެލޮޓީ ރޭ ބީބީސީއަށް ބުންޏެވެ.
މިދިޔަ ހަފުތާގައި ޗެމްޕިއަންސް ލީގުގައި ލިވަޕޫލާއި ދެކޮޅަށް ކުޅުނު މެޗުގައި އެމްބާޕޭ ދެއްކި ދަށް ކުޅުމާއި ގުޅިގެން އޭނާއަށް ވަނީ ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެފައެވެ. ނަމަވެސް ރޭ ކުޅުނު މެޗުގައި އެމްބާޕޭ ޖެހި މޮޅު ގޯލާއި އެކު އެ ފާޑުކިޔުންތަކަށް ރައްދުދީފައި ވެއެވެ.
އެމްބާޕޭ ގޯލު ޖެހީ ޖޫޑް ބެލިންގަމް ދިން ޕާހަކުން ބޯޅަ ލިބިގަނެ، އޭރިއާގެ ތެރެއަށް ވަދެ، ކަނާތްފަރާތުން ގޯލުގެ ތިރީ ކަނަށް ފޮނުވައިލި ވަރުގަދަ ޝޮޓަކުންނެވެ. މީގެ އިތުރުން ދެވަނަ ހާފުގައިވެސް އޭނާއަށް އިތުރު ގޯލު ޖެހުމުގެ ފުރުސަތުތަކެއް ލިބުނެވެ.
އަންޗެލޮޓީ ބުނީ އެމްބާޕޭ ދެއްކި ނުރައްކާތެރި ކުޅުމުގެ ސަބަބުން އޭނާ ބަދަލުނުކޮށް މެޗު ނިމެންދެން ދަނޑުގައި ބެހެއްޓުމަށް ނިންމި ކަމަށެވެ. "އަހަރެން ނިންމީ އެ ބަދަލު ނުގެންނަން. ސަބަބަކީ ހަމަލާތަކުގައި އެމްބާޕޭ ފެނުނީ ވަރަށް ނުރައްކާކޮށް ކަމަށްވާތީ،" އަންޗެލޮޓީ ވިދާޅުވިއެވެ.
މި މޮޅާއެކު ރިއަލް މެޑްރިޑް ވަނީ ލަ ލީގާގެ އެއްވަނައިގައި އޮތް ބާސެލޯނާއާ ދެމެދުގެ ގެޕް އެންމެ ޕޮއިންޓަކަށް ކުޑަކޮށްފައެވެ. ރިއަލް މެޑްރިޑަށް ވުރެ އެއް މެޗު އިތުރަށް ކުޅެފައިވާ ބާސެލޯނާ މިހާރު ވަނީ 34 ޕޮއިންޓް ހޯދާފައެވެ.









