މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން ކޫރިއަރ މެދުވެރިކޮށް ރާއްޖެ އެތެރެކުރަން އުޅުނު 395 ގުރާމްގެ މަސްތުވާތަކެތި އަތުލައިގަނެ، އެ މައްސަލައާއި ގުޅިގެން މީހަކު ހައްޔަރުކޮށްފިއެވެ. ކަސްޓަމްސްއިން މިއަދު ހާމަކުރި މަޢުލޫމާތުގައިވާ ގޮތުން، މި މަސްތުވާތަކެތީގެ އަގު 9 ލައްކަ ރުފިޔާއަށް އަރައެވެ.
ކަސްޓަމްސްއިން ބުނިގޮތުގައި މި މަސްތުވާތަކެތި އަތުލައިގަނެފައިވަނީ ނޮވެންބަރު 30 ވަނަ ދުވަހު ކޫރިއަރ މެދުވެރިކޮށް ރާއްޖެއަށް ގެނެސްފައިވާ ޕެކޭޖެއް ބަލައިފާސްކުރުމުގެ ތެރޭގައި ޝައްކުކުރެވޭ ޒާތުގެ ބާވަތްތަކެއް ހުރުމުން، އިތުރަށް ބަލައި ފާސްކުރުމުގެ ތެރޭގައެވެ. އެ ޕެކޭޖުން ފެނުނު ތަކެތި ފުރަތަމަ މަރުހަލާގައި ކަސްޓަމްސްއިން ތަހުލީލު ކުރިއިރު، މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ކޮކެއިންއަށް ފައްސިވެފައިވާކަން ފާހަގަކުރެވުނެވެ.
މި މައްސަލަ އިތުރަށް ތަހުގީގު ކުރުމަށްޓަކައި، އަތުލައިގަތް މަސްތުވާތަކެއްޗާއި މައްސަލައިގައި ޝާމިލްވާ ދިވެހި ފިރިހެނަކު ދިވެހި ފުލުހުންގެ ޚިދުމަތާއި ހަވާލުކޮށްފައިވާ ކަމަށް ކަސްޓަމްސްއިން މަޢުލޫމާތު ދީފައިވެއެވެ.








