މުޅި ރާއްޖޭގައި ވެސް މިއަދު ކަނޑުތައް ގަދަވާނެކަމަށް މޫސުމާއި ބެހޭ ޤައުމީ އިދާރާ (މެޓް) އިން ބުނެފިއެވެ.
މިއަދު އިރުއޮއްސި 6:00 އާ ހަމައަށް ލަފާކޮށް މެޓުން ނެރުނު މޫސުމީ ސަމާލުގައި ބުނީ މުޅި ރާއްޖޭގައިވެސް މިއަދު ކަނޑުތައް ގަދަވާނެ ކަމަށާއި ދެކުނުގައި ރާޅުގެ އުސްމިން ފަސް ފޫޓާއި އަށް ފޫޓާއި ދެމެދުގައި ހުންނާނެ ކަމަށެވެ.
މެޓުން ބުނީ އުތުރާއި މެދުރާއްޖެ ތެރޭގައި ރާޅުގެ އުސްމިން ހުންނާނީ ހަތަރު ފޫޓާއި ހަތް ފޫޓާއި ދެމެދުގައި ކަމަށެވެ.
ދެކުނުގެ އަތޮޅުތަކަށް ވިއްސާރަކޮށް ގުގުރުން އެކަށީގެންވާ ކަމަށާއި، އެހެން ހިސާބުތަކަށް ކެރީގެ އަސަރުކުރާނެ ކަމަށްވެސް މެޓުން ބުންޏެވެ.
މީގެ އިތުރުން ހުޅަނގާއި ހުޅަނގު އުތުރުން ދެކުނުގެ އަތޮޅުތަކަށް ގަޑިއަކު 15 މޭލާއި 25 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ ކަމަށާއި އެހެން ހިސާބުތަކަށް ގަޑިއަކު 13 މޭލާއި 25 މޭލާއި ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށް މެޓުން ބުންޏެވެ.
މެޓުން ބުނީ ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 45 މޭލު ބާރުމިނަށް ވައި ގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.
މޫސުން ގޯސްވުމާ ގުޅިގެން ޚާއްސަކޮށް ކަނޑުދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް މެޓުން ވަނީ އިލްތިމާސްކޮށްފައެވެ.









