އިމިގްރޭޝަންގެ އޮންލައިން ޕްލެޓްފޯމް "އިމުގަ" މެދުވެރިކޮށް އޮންލައިންކޮށް ހުށަހަޅާ ޕާސްޕޯޓުތައް ދ. ކުޑަހުވަދޫ އިން ނެގޭނެ އިންތިޒާމު މިއަދު ހަމަޖައްސައިފި އެވެ.
އިމިގްރޭޝަނުން "އެކްސް"ގައި ކުރި ޕޯސްޓެއްގައި ބުނީ "އިމުގާ" މެދުވެރިކޮށް އޮންލައިންކޮށް ހުށަހަޅާ ޕާސްޕޯޓުތައް ކުޑަހުވަދޫ އިން ނެގުމުގެ އިންތިޒާމު މިހާރު ހަމަޖައްސާފައިވާ ކަމަށެވެ. އަދި ޕާސްޕޯޓަށް އެދި ހުށައަޅާއިރު، ޕާސްޕޯޓް ނަގަން ބޭނުންވާ ތަން ނުވަތަ ކަލެކްޝަން ޕޮއިންޓެއްގެ ގޮތުގައި ކުޑަހުވަދޫ ނެގުމުން ޕާސްޕޯޓް އެ ރަށުން ލިބޭނެ ކަމަށް އިމިގްރޭޝަނުން ބުންޏެވެ.
ކުޑަހުވަދޫ އިން ޕާސްޕޯޓް ނެގޭނީ ކޮންމެ ހަފުތާއެއްގެ ހޯމަ ދުވަހު އެވެ.
ކުޑަހުވަދޫ އިން ޕާސްޕޯޓް ނެގޭނެ އިންތިޒާމު ހަމަޖެއްސީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ވައުދުފުޅާއި އެއްގޮތަށް ހުރިހާ އަތޮޅަކުން ވެސް ޕާސްޕޯޓްގެ ހިދުމަތް ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށް އިމިގްރޭޝަނުން ކުރާ މަސައްކަތުގެ ދަށުންނެވެ.
މިހާރު ވެސް ރާއްޖޭގެ ހުރިހާ ސިޓީތަކުގެ އިތުރުން ހއ. ދިއްދޫ އިން ވެސް ޕާސްޕޯޓްގެ ހިދުމަތް ލިބެ އެވެ. އިމިގްރޭޝަންގެ އަމާޒަކީ އަންނަ އަހަރު ނިމުމުގެ ކުރިން ހުރިހާ އަތޮޅަކުން ޕާސްޕޯޓް ހިދުމަތް ލިބޭނެ އިންތިޒާމު ހަމަޖެއްސުމެވެ.









