ބްރެޒިލްގެ ބޮޓަފޮގޯ އިން ދެކުނު އެމެރިކާ ބައްރުގެ ކްލަބް ފުޓްބޯޅައިގެ އެންމެ ޝަރަފުވެރި އެއް މުބާރާތް ކަމުގައިވާ ކޮޕަ ލިބަޓަޑޯރެސް ފުރަތަމަ ފަހަރަށް ކާމިޔާބުކޮށްފި އެވެ.
ބުރާސްފަތި ދުވަހު އާޖެންޓީނާގެ މޮނިއުމެންޓަލް ސްޓޭޑިއަމްގައި ކުޅުނު ފައިނަލް މެޗުގައި ބޮޓަފޮގޯ އިން ވަނީ އެތްލެޓިކޯ މިނޭރޯ 3-1 އިން ބަލިކޮށްފަ އެވެ. މި މެޗުގައި ބޮޓަފޮގޯ އިން މި ނަތީޖާ ހޯދީ މެޗުގެ ގިނަ ވަގުތު 10 ކުޅުންތެރިންނާއެކު ކުޅެގެންނެވެ.
މެޗުގެ ދެވަނަ މިނިޓުގައި ބޮޓަފޮގޯގެ ގްރެގޯ އަށް ރަތް ކާޑު ދެއްކުމާއެކު އެ ޓީމުގެ ކުޅުންތެރިއަކު މަދުވި ނަމަވެސް، 35 ވަނަ މިނިޓުގައި ލުއިޒް ހެންރީކޭ އަދި ފުރަތަމަ ހާފު ނިމުމުގެ ކުރިން އެލެކްސް ޓެލެސް ވަނީ ލަނޑު ޖަހާފަ އެވެ. އެތްލެޓިކޯ މިނޭރޯ އިން ދެވަނަ ހާފުގައި އެޑުއާޑޯ ވަރްގާސް ލަނޑެއް ޖެހި ނަމަވެސް، މެޗުގެ އިތުރު ވަގުތުގައި ބޮޓަފޮގޯގެ ޖޫނިއާ ސަންޓޯސް ވަނީ އިތުރު ލަނޑެއް ޖަހާފަ އެވެ.
މިއީ 123 އަހަރުގެ ތާރީޚެއް އޮތް ބޮޓަފޮގޯ އިން މި މުބާރާތް ކާމިޔާބުކުރި ފުރަތަމަ ފަހަރެވެ. 80,000 އަށް ވުރެ ގިނަ ކުޅިވަރު ލޯބިވެރިން ބަލަން ތިބި މި މެޗުގައި ބޮޓަފޮގޯގެ ގޯލްކީޕަރު ވަނީ ތަފާތު މޮޅު ކުޅުމެއް ދައްކާފަ އެވެ.









