މޫސުން ގޯސްވާނެކަމަށް ލަފާކޮށް މުޅި ރާއްޖެއަށް މޫސުމާއިބެހޭ ގައުމީ އިދާރާ (މެޓް) އިން ހުދު ސަމާލު ނެރެފި އެވެ. މި ސަމާލު ނެރެފައިވަނީ މިރޭ 6:30 އިން ފެށިގެން މެންދަމު 1:00 އާއި ހަމައަށެވެ.
މެޓުން ބުނީ، މި ވަގުތުގައި ގަޑިއަކު 19 މޭލާއި 24 މޭލާއި ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެކަމަށެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވާނެކަމަށް ވެސް މެޓުން ލަފާކޮށްފައިވެއެވެ. މީގެ އިތުރުން ކަނޑުތައް ވެސް ގަދަވާނެކަމަށް މެޓުން ވަނީ އިންޒާރު ދީފައެވެ.
މިއަދު މެންދުރު 12:30 އިން އިރުއޮއްސި 6:30 އަށް ވެސް މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފައިވާކަން ފާހަގަކޮށްލެވެއެވެ. މިހާރު ރާއްޖެއަށް ކުރަމުން އަންނަ ވިއްސާރައާ ގުޅިގެން މެޓުން އަންނަނީ ރާއްޖޭގެ އެކި ކަންކޮޅުތަކަށް ސަމާލު ނެރެމުންނެވެ.
ކަނޑުތައް ގަދަވާނެކަމަށް ލަފާކޮށް، މެޓުން ވަނީ ދަތުރުފަތުރު ކުރުމުގައި ސަމާލުވުމަށް އާންމުންނަށް އިލްތިމާސްކޮށްފައެވެ. މޫސުން ގޯސްވެފައިވާ މި ދުވަސްވަރު، ކަނޑު ދަތުރުތައް ކުރާއިރު އިތުރު ސަމާލުކަމެއް ބެހެއްޓުމަށް މެޓުން އިލްތިމާސްކޮށްފައިވެއެވެ.









