މިާރު ކުރިޔަށްދާ ގޯލްޑް ކަޕްގައި ކެންދޫ އާއި މާފުށި ދެމެދު ކުޅުނު މެޗުގައި، ކެންދޫ ކުރިއަރައިގެން ދިޔަ ނަމަވެސް، މެޗުގެ އެންމެ ފަހު ވަގުތު މާފުށިން ޕެނަލްޓީއަކުން މެޗު އެއްވަރުކޮށްފިއެވެ. މި މެޗު ނިމުނީ 1-1 ގެ ނަތީޖާއަކުންނެވެ.
މި ދެ ޓީމުގެ ފުރަތަމަ މެޗުތަކުގައި ވެސް ބަލިވެފައިވާއިރު، މާފުށި ބަލިވެފައިވަނީ ޅ. ނައިފަރު އަތުން އަދި ކެންދޫ ބަލިވެފައިވަނީ ގުރޫޕުގެ ފޭވަރިޓް ކަމަށްވާ ރ. އަލިފުށި އަތުންނެވެ.
މިއަދުގެ މެޗުގެ ފުރަތަމަ ހާފުގައި ކެންދޫ މޮޅަށް ކުޅުނެވެ. ކެންދޫގެ ލަނޑު ޖެހީ ގާސިމް ޝަމާމް (ޝަންމެ) އެވެ. ކޯނަރަކުން އައި ބޯޅަ ބޮލުން ވައްދާލައިރު އޭނާއަކީ ކުރިން މާފުށީގެ ޓީމު ކަމަށްވާ ދަ ގްރޭންޑޭގެ ކެޕްޓަންކަން ކޮށްފައިވާ ކުޅުންތެރިއެކެވެ.
މެޗުގެ ގިނަ ވަގުތު ކެންދޫ ރަނގަޅަށް ކުޅެމުން ދިޔަ ނަމަވެސް، މެޗުގެ އެންމެ ފަހު މިނެޓުގައި މާފުށްޓަށް ޕެނަލްޓީއެއް ލިބުނެވެ. އެއީ މާފުށީގެ މުޝްރިފް މޫސާ އޭރިއާ ތެރެއަށް ވަނުމުން، ކެންދޫގެ ޝިޒާން ވަހީދު ކުރި ފައުލަކާ ގުޅިގެން ލިބުނު ޕެނަލްޓީ އެކެވެ.
މި ޕެނަލްޓީ ކާމިޔާބުކޮށް މާފުށްޓަށް މެޗު އެއްވަރުކޮށްދިނީ އަލީ އުޒައިރު މުހައްމަދެވެ. އޭނާ ޕެނަލްޓީ ޖެހީ ކެންދޫގެ ގޯލުގެ ތިރީ ކަނަށެވެ.









