ފާއިތުވި 24 ގަޑިއިރު ތެރޭގައި ރާއްޖޭގައި އެންމެ ބޯކޮށް ވާރޭވެހިފައިވަނީ ގދ. ކާޑެއްދޫއަށް ކަމަށް މޫސުމާބެހޭ ޤައުމީ އިދާރާ (މެޓް) އިން ހާމަކޮށްފިއެވެ. މި މުއްދަތުގައި ކާޑެއްދޫއަށް 28.4 މިލިމީޓަރުގެ ވާރޭ ވެހިފައިވާކަމަށް މެޓުން ބުންޏެވެ.
މެޓުން ބުނިގޮތުގައި، ދެވަނައަށް އެންމެ ގިނައިން ވާރޭވެހިފައިވަނީ ގއ. ގެމަނަފުއްޓަށެވެ. އެރަށަށް 20.3 މިލިމީޓަރުގެ ވާރޭ ވެހިފައިވެއެވެ. ތިންވަނައަށް އެންމެ ގިނައިން ވާރޭވެހިފައިވަނީ ގދ. ފަރެސްމާތޮޑާއަށް ކަމަށްވާއިރު، އެރަށަށް 13.6 މިލިމީޓަރުގެ ވާރޭ ވެހިފައިވެއެވެ. ހަތަރުވަނައަށް އެންމެ ގިނައިން ވާރޭވެހިފައިވަނީ ރ. އިފުރަށް ކަމަށްވާއިރު، އެރަށަށް 12.0 މިލިމީޓަރުގެ ވާރޭ ވެހިފައިވެއެވެ. މާލެއަށް ވެހިފައިވަނީ 10.7 މިލިމީޓަރުގެ ވާރޭއެވެ.
މިއަދު ވެސް ރާއްޖޭގެ އެކި ސަރަހައްދުތަކަށް މޫސުން ގޯސްވެ، ވިއްސާރަވާނެ ކަމަށް މެޓުން ލަފާކުރެއެވެ. އެގޮތުން އުތުރާއި ދެކުނަށް ބޯކޮށް ވާރޭވެހޭނެ ކަމަށް ލަފާކޮށް މެންދުރު 12:30 އާއި ހަމައަށް ހުދު ސަމާލުކަން ނެރެފައިވެއެވެ.
މޫސުން ގޯސްވެފައިވާތީ، ދަތުރުފަތުރު ކުރާއިރު ފަރުވާތެރިވުމަށާއި، ކަނޑުމަތީގެ ސަލާމަތަށް ސަމާލުވުމަށް މެޓުން ވަނީ އާންމުންނަށް އިލްތިމާސްކޮށްފައެވެ.









