ސެންޓް ސްޕޯޓްސް ކްލަބުން އިންތިޒާމުކޮށްގެން ބާއްވާ "ސެންޓް އަންޑަރ 23 ފުޓްސަލް ޓޯނަމެންޓް" އަންނަ އާދިއްތަ ދުވަހު ފެށުމަށް ހުރިހާ ތައްޔާރީތަކެއް ވަނީ ނިމިފައެވެ. މި މުބާރާތުގައި 20 ޓީމު ބައިވެރިވާއިރު، މުބާރާތް ކުރިއަށްދާނީ ހަތަރު ގްރޫޕަކަށް ބަހާލައިގެންނެވެ.
މުބާރާތުގެ މެޗުތައް ކުޅުމަށް ހަމަޖެހިފައިވަނީ ހުޅުމާލޭ ފުރަތަމަ ފިޔަވަހީގައި ހުންނަ ރެހެންދި ގްރައުންޑް 1 އަދި 2 ގައެވެ. މެޗުތައް ކުރިއަށްދާނީ ރޭގަނޑު 20:00 އިން 00:00 އާ ހަމައަށެވެ. ކޮންމެ ރެއަކު ގްރޫޕް ސްޓޭޖް ނިމެންދެން 8 މެޗު ކުޅޭނެކަމަށް މުބާރާތް އިންތިޒާމުކުރާ ފަރާތުން މަޢުލޫމާތު ދީފައިވެއެވެ.
މިއީ ސެންޓުން އިންތިޒާމުކޮށްގެން މި މުބާރާތް ބާއްވާ ތިންވަނަ އަހަރެވެ. 2022 ވަނަ އަހަރު ބޭއްވި މުބާރާތުގެ ޗެމްޕިއަންކަން ހޯދީ މަސްއޮޑި އެސްސީ އިންނެވެ. އަދި މިދިޔަ އަހަރު ބޭއްވި މުބާރާތުގެ ޗެމްޕިއަންކަން ހޯދީ ޓީއެފްޓީ އިންނެވެ.
މުބާރާތުގައި ބައިވެރިވާ ޓީމުތައް ހަތަރު ގްރޫޕަކަށް ބަހާލާފައިވާއިރު، ކޮންމެ ގްރޫޕެއްގައި ފަސް ޓީމު ހިމެނެއެވެ. މީގެ ތެރޭގައި ބަގޭސް އެސްސީ، ސެންޓް އެސްސީ، ވައިކިންގްސް އެސްސީ، އެލް4 ސްޕޯޓްސް އަދި ކިންގްސް ފަދަ ނަން މަޝްހޫރު ޓީމުތައް ހިމެނެއެވެ.









