ޓީމުގެ ކުޅުންތެރިންނަށް ލިބޭ އެންމެ ބޮޑު ހިތްވަރަކީ ސަޕޯޓަރުންގެ ފަރާތުން ލިބޭ އެއްބާރުލުން ކަމަށް ރ. އަލިފުށީ ޓީމުގެ ކެޕްޓަން މުހައްމަދު ރަޝީދު (ހޮކޭ) ބުނެފިއެވެ، މިހާރު ކުރިއަށްދާ ގޯލްޑްކަޕްގައި އަލިފުށީ ޓީމުން ވަނީ ކުޅުނު ދެ މެޗުންވެސް މޮޅުވެފައެވެ.
"އަޅުގަނޑުމެންނަށް ދަނޑުމަތީގައި ލިބޭ އެންމެ ބޮޑު ހިތްވަރަކީ ސަޕޯޓަރުންގެ ފަރާތުން ލިބޭ އެހީތެރިކަން. އަލިފުށީ ޓީމުގެ ސަޕޯޓަރުން ތަމްސީލުކުރަނީ ހަމައެކަނި އަލިފުށި ނޫން. އުފަލާއެކު ފާހަގަކޮށްލަން، އަތޮޅުގެ ހުރިހާ ރަށަކުންވެސް އަޅުގަނޑުމެންގެ ޓީމަށް ދެއްވާ އެއްބާރުލުން. އިރާދަކުރެއްވިއްޔާ މުޅި އަތޮޅަށްޓަކައި އަޅުގަނޑުމެން މިތިބީ އެއް އަޒުމެއްގައި،" ހޮކޭ ބުންޏެވެ.
ދިވެހި ފުޓްބޯޅައިގެ ފަހުގެ ތާރީޚުގައި އުފެދުނު އެންމެ ޤާބިލު ޑިފެންޑަރުންގެ ތެރެއިން އެކަކު ކަމަށް ބެލެވޭ ހޮކޭ އަކީ ކުރިން ޤައުމީ ޓީމަށާއި ރާއްޖޭގެ ނަންހުރި ގިނަ ކްލަބުތަކަށް ކުޅެފައިވާ ތަޖުރިބާކާރު ކުޅުންތެރިއެކެވެ.








