ރާއްޖޭގައި ބޭއްވުނު ފުރަތަމަ ބައިނަލްއަޤްވާމީ ޒަކާތު މަހާސިންތާއިން ލިބުނު މަޢުލޫމާތުގެ އަލީގައި ރާއްޖޭގެ ޒަކާތުގެ ނިޒާމު އިތުރަށް ހަރުދަނާކުރުމަށް މުހިންމު މަސައްކަތްތަކެއް ކުރައްވާނެކަމަށް އިސްލާމީ ކަންތައްތަކާބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.
ވަޒީރު މިހެން ވިދާޅުވީ އިއްޔެ ބޭއްވުނު މަހާސިންތާ ނިންމުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ. ވަޒީރު ވިދާޅުވީ މިފަދަ މަހާސިންތާތަކަކީ ދާއިރާ ތަރައްޤީކުރުމަށް ކޮންމެހެން ކުރަންޖެހޭ ކަމެއްކަމަށެވެ.
"މިމަހާސިންތާގައި ލިބިގެންދިޔަ މަޢުލޫމާތުގެ އަލީގައި ރާއްޖޭގެ ޒަކާތުގެ ނިޒާމު މިހާރަށްވުރެ ހަރުދަނާކުރުމަށް މަސައްކަތްކުރާނެކަމުގެ ޔަގީންކަން އަޅުގަނޑުދެން،" ވަޒީރު ވިދާޅުވިއެވެ.
އެއް ދުވަހުގެ މުއްދަތަށް ކުރިއަށްގެންދިޔަ މި މަހާސިންތާގައި ޒަކާތާއި ގުޅުންހުރި މުހިންމު މައުޟޫތަކަށް އަލިއަޅުވާލެވުނެވެ. މީގެ ތެރޭގައި ޒަކާތުގެ ޝަރުޢީ އުސޫލުތަކާއި، ޒަމާނީ ގޮންޖެހުންތަކާއި، ޒަކާތުގެ ބެހެނިވެރިންގެ މަފްހޫމް ފުޅާކުރުމާއި، ޒަކާތު ފަންޑު ގުނަކުރުމާއި، ޤާނޫނީ ބަދަލުތަކާއި، ޒަމާނީ އީޖާދުތަކުގެ ބޭނުން ހިމެނެއެވެ.
މި މަހާސިންތާގައި ރާއްޖޭގެ އެކި މުއައްސަސާތަކާއި، މެލޭޝިޔާގެ ބައެއް މުއައްސަސާތަކުން ބައިވެރިވިއެވެ. އަދި ރާއްޖޭގެ މަޝްހޫރު ދީނީ ޢިލްމުވެރިންނާއި، އިސްލާމިކް ފައިނޭންސާއި އިޤްތިޞާދީ ދާއިރާގެ މާހިރުން ޕެނަލިސްޓުންގެ ގޮތުގައި ބައިވެރިވެވަޑައިގެންނެވިއެވެ.









