މޮރިޓޭނިއާގެ މިނިވަން ދުވަހުގެ މުނާސަބަތުގައި އެޤައުމުގެ ފޮރިން މިނިސްޓަރ މުޙައްމަދު ސާލިމް އުލްދް މަރްޒޫޤަށް، ދިވެހިރާއްޖޭގެ ފޮރިން މިނިސްޓަރ ޑރ. ޢަބްދުﷲ ޚަލީލް ތަހުނިޔާގެ މެސެޖެއް ފޮނުއްވައިފިއެވެ.
މިނިސްޓަރ ޚަލީލް ފޮނުއްވި މެސެޖުގައި ވަނީ މޮރިޓޭނިއާގެ މިނިވަން ދުވަހުގެ މުނާސަބަތުގައި، އެޤައުމުގެ ފޮރިން މިނިސްޓަރ މުޙައްމަދު ސާލިމް އުލްދް މަރްޒޫޤަށާއި މޮރިޓޭނިއާ ސަރުކާރަށް އަދި ރައްޔިތުންނަށް ތަހުނިޔާއާއި ހެޔޮއެދުންތައް އަރިސްކުރައްވާ ކަމަށް ވިދާޅުވެފައެވެ.
މިނިސްޓަރ ޚަލީލް ވިދާޅުވީ އެބޭފުޅާގެ އުއްމީދަކީ ދެ ޤައުމުގެ ރައްޔިތުންގެ ލާބައާއި މަންފާއަށްޓަކައި، ދެޤައުމުގެ ދެމެދުގައި އޮތް ގުޅުން ކުރިއަށް އޮތް އަހަރުތަކުގައިވެސް އިތުރަށް ބަދަހިވެގެންދިޔުން ކަމަށެވެ. އަދި ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމަށް އެޤައުމުގެ ފޮރިން މިނިސްޓަރ މުޙައްމަދު ސާލިމް އުލްދް މަރްޒޫޤާއެކު މަސައްކަތް ކުރައްވަން ތައްޔާރަށް ހުންނެވިކަމަށް މިނިސްޓަރ ޚަލީލް ވިދާޅުވިއެވެ.
މީގެ އިތުރުން މިނިސްޓަރ މުޙައްމަދު ސާލިމް އުލްދް މަރްޒޫޤަށް، ކުރައްވާ މަތިވެރި ޤަދަރު އާކޮށް، އެކަން ޔަޤީންކޮށް އެރުވުމަށް މި ފުރުޞަތުގެ ބޭނުން ހިފާކަމަށް މިނިސްޓަރ ޚަލީލް ފާހަގަކުރެއްވިއެވެ.









