ސަރުކާރުގެ ފުރަތަމަ 52 ހަފްތާގެ ތެރޭގައި އިސްލާމިކް މިނިސްޓްރީން ކޮށްފައިވާ މަސައްކަތްތަކާ ގުޅޭ ފޮތެއް ނެރެފިއެވެ.
ރައީސުލްޖުމުޙޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރަށް 52 ހަފްތާ ފުރުނުއިރު، އިސްލާމިކް މިނިސްޓްރީން ކޮށްފައިވާ މުހިންމު ކަންކަން ހިމެނޭ ގޮތަށް ތައްޔާރުކޮށްފައިވާ ފޮތަށް ކިޔަނީ 'އިސްލާމީ ނޫރާއި ދީނީ އަޤީދާ ދާއިރާއިން 52 ހަފްތާގެ އުސްއަލިތައް' އެވެ.
މި ފޮތް ނެރެދެއްވީ މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އިސްލާމީ މަރުކަޒުގެ އިސް އިމާމު ފަޟީލަތުއްޞައިޚް މުޙައްމަތު ލަޠީފްއެވެ. މި ރަސްމިއްޔާތުގައި އިސްލާމިކް މިނިސްޓަރ ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު ވަނީ ބައިވެރިވެލައްވާފައެވެ.
އިސްލާމިކް މިނިސްޓްރީން ބުނީ މި ފޮތުގައި ފާއިތުވެދިޔަ 52 ހަފްތާގެ ތެރޭގައި މިނިސްޓްރީގެ އެކި ސެކްޝަންތަކުން ކުރިއަށް ގެންދިޔަ މުހިންމު ކަންކަމުގެ ތަފްސީލީ މަޢުލޫމާތު ހިމަނާފައިވާނެ ކަމަށެވެ. މީގެ އިތުރުން މިނިސްޓަރ ޝަހީމް ރާއްޖެއިން ބޭރަށް ކުރެއްވި ދަތުރުފުޅުތަކާއި، މިނިސްޓްރީން އިންތިޒާމްކުރި ރާއްޖޭން ބޭރު ދަތުރުތަކުގެ މަޢުލޫމާތާއި، އަލަށް ނެރުނު އުސޫލުތަކާއި ޤަވާއިދުތަކުގެ މަޢުލޫމާތުވެސް މި ފޮތުގައި ހިމަނާފައިވާކަމަށް އިސްލާމިކް މިނިސްޓްރީން ބުންޏެވެ.









